ސިވިލް އޭވިއޭޝަނާއި ބަހުގެ އެކެޑަމީ ގުޅިގެން ކުރިއަށް ގެންދިޔަ ކޯސް ނިންމައިލައިފި

ދިވެހިބަހުގެ އެކެޑަމީ އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ދިވެހިބަހުގެ ކޯސް ކާމިޔާބުކަމާ އެކު ނިންމައިލައިފިއެވެ.

ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދާ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯސް މިފަހަރު ކުރިއަށް ގެންދިޔައީ މޯލްޑިވްސް ސިވިލް އޭވިއޭޝަނުގެ އެދުމުގެ މަތީންނެވެ.

މި ފަހަރުގެ ކޯސް ކުރިއަށް ގެންދިޔައީ ނިމިދިޔަ މޭމަހުގެ 26 ވަނަ ދުވަހުން ފެށިގެން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށެވެ. މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން 10 ގަޑިއިރަށް އެ އޮތޯރެޓީގައި ކުރިއަށް ގެންދިޔަ މި ކޯހުން ޖުމްލަ 18 ދަރިވަރުން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައި ވަނީ ދިވެހިބަހުގެ ގަވާއިދާއި ކުށެއް ނެތް ރީތި އިބާރާތުން ލިޔާނެ ގޮތާއި އޮފީސްތަކުގައި އާންމުކޮށް ލިޔާ ލިޔުންތައް އިބާރާތް ކުރާނެ ގޮތާއި ދިވެހިބަހުން ރީތިކޮށް މުއާމަލާތުކުރާނެ ގޮތްތަކެވެ.

މި ކޯހުގައި ކިޔަވައިދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރާ އަޒީޒާ އަފީފާއި ދިވެހިބަހުގެ އުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ.

ދިވެހިބަހުގެ އެކެޑަމީން ދަނީ މި އަހަރުގެ ތެރޭގައި މި ކޯހުގެ ދެވަނަ ބުރެއް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މުވައްޒަފުންނަށް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް