ކުށްކުރާ ގްރޫޕުތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާނެ ބަހާއެއް ގާއިމްކުރަނީ

ޕޮލިސް ކޮމިޝަނަރު، އަލީ ޝުޖާއު: ވިދާޅުވީ ފުލުހުންގެ ސްޓްރެޓަޖިކް ޕްލޭން ތަންފީޒުވުމާ އެކު، ކުށްކުރާ ގްރޫޕުތަކާ ދެކޮޅަށް މަސައްކަތްކުރާނެ ވަކި ބަހާއެއް އުފައްދާނެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ފުލުހުންގެ ސްޓްރެޓަޖިކް ޕްލޭން ތަންފީޒުވުމާ އެކު، ކުށްކުރާ ގްރޫޕުތަކާ ދެކޮޅަށް މަސައްކަތްކުރާނެ ވަކި ބަހާއެއް (ޑިޕާޓްމަންޓެއް) އުފައްދާނެ ކަމަށް ޕޮލިސް ކޮމިޝަނަރު، އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

ސީޕީ ޝުޖާއު މިހެން ވިދާޅުވީ 2024 އިން 2028އަށް ފުލުހުން އަމަލުކުރާނެ ސްޓްރެޓަޖިކް ޕްލޭން އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުށް ކުރާ ގްރޫޕުތަކާއި މަސްތުވާތަކެތީގެ ބިރުވެރިކަމުން، ގައުމު ސަލާމަތްކުރުމަށް އެ ޕްލޭންގައި ހިމެނިފައިވާކަން ފާހަގަ ކުރައްވައި ސީޕީ ވިދާޅުވީ އޯގަނައިޒޭޝަން ލެވެލްގައި އެ ކަމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށްޓަކައި ފުލުހުންގެ މަސައްކަތްތައް ތަރުތީބުކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ސީޕީގެ ވާހަކަފުޅުގައިވަނީ ފުލުހުންގެ ސްޓްރެޓަޖިކް ޕްލޭންގެ ދަށުން، ފުލުހުންގެ ޚިދުމަތް ލާމަރުކަޒު ކުރެވިގެންދާނެ ކަމަށެވެ. އަތޮޅުތެރޭގައި ފުލުހުންގެ ކަންކަމުގައި ވެސް ކޮމާންޑް އަންނަނީ މާލެއިންކަން ފާހަގަ ކުރައްވައި، ސީޕީ ވިދާޅުވީ އެ ބަދަލާއެކު، އަތޮޅުތެރޭގެ ކޮމާންޑަރުންގެ އަތްމައްޗަށް ވަރަށް ގިނަ ކަންތައްތައް ދޫކުރެވިގެންދާނެ ކަމަށެވެ.

ފުލުހުންގެ ޚިދުމަތް ލާމަރުކަޒު ކުރުމުގެ ބޭނުމެއް ކަމަށް ސީޕީ ފާހަގަކުރެއްވީ ފުލުހުންގެ ޚިދުމަތް ރައްޔިތުން ބޭނުންވާ ގޮތަށް، އަދި ރައްޔިތުންނާ ގާތުން ދިނުމެވެ. އެ ގޮތުން އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ބައްޓަން ކުރެވިގެންދާނީ ކައުންސިލްތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ކަމަށް ސީޕީ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ސަރުކާރުން ކަނޑައަޅާފައިވާ ލާމަރުކަޒުކުރުމުގެ އެންމެ ރިވެތި ނަމޫނާ، ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފެނިގެންދާނެ" ސީޕީ ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ސީޕީގެ ވާހަކަފުޅުގައި 2024 -2028އަށް ފުލުހުން އަމަލުކުރާނެ ސްޓްރެޓަޖިކް ޕްލޭންގައި އިސްކަންދޭ ބައެއް ކަންތައްތައް ވަނީ ފާހަގަ ކުރައްވާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ކުށްކުރާ ގްރޫޕުތަކާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބަހާއެއް ގާއިމް ކުރުން
  • ފުލުހުންނާ މުޖުތަމަޢާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް، ކޮމިއުނިޓީ ލެވެލްއެއްގެ ތެރެއިން ފުލުހުން މަސައްކަތް އިތުރަށް ފުޅާކޮށް ތަރުތީބުކުރުން
  • ފުލުހުންގެ ޚިދުމަތް ލާމަރުކަޒު ކުރުން

މި ރަސްމިއްޔާތުގައި ފުލުހުންގެ ސްޓްރެޓަޖިކް ޕްލޭން އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރާއި ސީޕީގެ އިތުރުން، ފުލުހުންގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

comment ކޮމެންޓް