ވޭވް ލިންކާއެކު މަސް މާރުކޭޓް ތަރައްގީއާ ދިމާއަށް

މާލޭގެ މަސް މާރުކޭޓަކީ ވެރިރަށުގައި މަސް ލިބެން ހުންނަ މައި މަރުކަޒެވެ. މައިގަނޑު ގޮތެއްގައި އެތަނާ ބެހޭ ގޮޮތުން ދައްކަން އޮންނަނީ ތަނުގެ ނުސާފު ކަމާއި ގޯސްތަކުގެ ވާހަކަ އެވެ. ރަނގަޅު ހިދުމަތެއް ވެސް ނުލިބޭ އިންސާނުންނަށް ނުރައްކާތެރި ތަނެއްގެ ވާހަކަ އެވެ. މަސް މާރްކޭޓްގެ މާޒީއަކީ ވެސް އެއީ އެވެ. މަސް މާރުކޭޓްގެ ވާހަކަ އަކީ އެތަންހާ ބާ ވާހަކަ އެކެވެ.

\"މިތަނުގައި މިއޮންނަނީ ގަދަމީހާ އަށް ގަދަގޮތް އަދި މިތަނުގެ ނުތާހިރު ކަމާއި އިމާރާތުގެ ނުރައްކާތެރި ކަމުގެ ވާހަކަ ރަނގަޅު ވާނީ ދެއްކުމަށްވުރެ ނުދެއްކުން\" މަސް މާރުކޭޓްގައި އެންމެ ނުތާހިރުކޮށް ފެންނަ މަސްކަނޑާ ބައިގައި މަސައްކަތް ކުރާ މީހަކު ބުންޏެވެ.

މަސް މާރުކޭޓުގައި މަސްވިއްކާ މަސްވެރިންނާއި ހިދުމަތް ހޯދާ މީހުންގެ ވެސް މައިގަނޑު ޝަކުވާއަކީ ހިދުމަތެއް ނުލިބޭ ތަނަކަށްވުމާއި ނުތާހިރު ކަމުގެ އިންތިހާއަށް ގޮސްފައިވާ ތަނެއް ގޮތުގައި މާރުކޭޓް އޮތުމެވެ.

\"މިއީ އެއްވެސް ކަހަލަ ވަސީލަތެއް ގާއިމުވެފައިވާ ތަނެއް ނޫން. އެއްވެސް ކަހަލަ ރަނގަޅު ނިޒާމެއް ރޭވިފައިވާ ތަނެއް ނޫން ސަލާމާތީ ގޮތުން ފިޔަވަޅުތަކެއް އަޅާފައިވާ ތަނެއް ނޫން،\" މާރުކޭޓްގައި މުށިމަސް ވިއްކަން ހުރި މަސްވެރިޔަކު ބުންޏެވެ. \"ހަގީގަތުގައި އަހަރެމެން މިވިއްކަނީ ބަޔަކު ކާން ވިއްކާ މަސް އެހެން ކަމުން މިހާރަށްވުރެ ރަގަޅު ސާފު ތާޙިރު ގޮތަކަށް މަސް ވިއްކޭނެ އިންތިޒާމެއް ހަމަޖައްސަން އެބަޖެހޭ،\"

މަސްމާރުކޭޓްގެ ތަރައްގީ ކުރާ ވާހަކަ، ޒަމާނީ ފެންވަރަށް ގެންނަ ވާހަކަ އަބަދުވެސް ސަރުކާރުގެ އެޖެންޑާގައި އޮވެ އެވެ. ނަމަވެސް މިހާރު މާރުކޭޓްގެ ބެލެނިވެރިކަން އޮންނަ މާލޭ ސިޓީ ކައުންސިލުން ވަނީ ފިޔަވަޅެއް ކުރިޔަށް އަޅާފަ އެވެ. އެއީ މަސް މާރުކޭޓް ތަރައްގީކޮށް އެތަނުގައި އިތުރު ވަސީލަތްތަށް ގާއިމްކުރަން އަމިއްލަ ކުންފުންޏެއް ކަމަށްވާ ވޭވް ލިންކް ޕްރައިވެޓް ލިމިޓެޑަށް 10 އަހަރު ދުވަހަށް ކުއްޔަށް ދިނުމެވެ.

އެއީ ކޮން ގޮތަކަށް އޮތް ނިންމުމެއް ކަމާއި ކުލީގެ އަގު މިހާތަނަށް ސާފުވެފައި ނުވިޔަސް ކުއްޔަށް ނެގި ފަރާތުން ކޮންމެވެސް ބަދަލުތަކެއް މަސް މާރުކޭޓަށް ގެންނާނެ ކަމަށް ބެލެވެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވި ގޮތުގައި ވޭވް ލިންކުން މަސް މާރުކޭޓަށް ރަނގަޅު ތަރައްގީއެއް ގެންނާނެ އެވެ.

\"ކުރިޔަށް އޮތްތަނުގައި މަސް މާރުކޭޓުން ފެން ލިބޭނެ އިންތިޒާމާއި އައިސް ލިބޭނެ އިންތިޒާމް ހަމަޖެހޭނެ އަދި ހަމައެހެންމެ އެތަނުގައި އިށީދެ ތިބެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އަށިތައް ހަދާނެ އަދި މިހާރަށްވުރެ ސާފުތާހިރު މާހައުލަކަށް ބަދަލު ކުރާނެ،\" ސުޖާއު ވިދާޅުވި އެވެ.

ވޭވް ލިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓާ ހާނީ ބަދީއު ވިދާޅުވީ ކުރިއަށްއޮތް ފަސް މަސް ދުވަހު ތެރޭގައި މަސް މާރުކޭޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގައި އެންމެ ބޮޑު އަމާޒަކީ ސާފު ތާހިރު ތަނަކަށް ބަދަލުކޮށްލުން ކަމަށެވެ. އަދި ހަމަޖެހޭ ފަސޭހަ ކަމާއެކު އުޅެވޭނެ އުސޫލެއް ގާއިމް ކުރުން ކަމަށެވެ.

މީގެ އިތުރުން ޒަމާނީ ކިއު ސިސްޓަމެއްގައި ނަންބަރު ދޫކޮށްގެން މަސް ކެޑުމުގެ އިންތިޒާމު ހަމަޖައްސައި މަސްވެރިންނާއި މަސްކަނޑާ މީހުންނަށް ނަމަދުކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށައި މަސްވެރިންނަށް ހާއްސަވާ ދެ ފިހާރަ ހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

\"އަޅުގަނޑުމެން އެންމެ ފުރަތަމަ އެންމެ ބޮޑު އިސްކަމެއްދީގެން ކުރާނެ މަސައްކަތަކީ ސާފު ތާހިރު ތަނަކަށް ހެދުން، އެގޮތުން ކެމިކަލް ބޭނުން ކޮށްގެން ކޮންމެ ދުވަހަކު އެތަން ސާފު ކުރާނެ އުސޫލެއް ރާވާނެ\" ބަދީއު ވިދާޅުވި އެވެ. \"އަޅުގަނޑުމެން ހުޅުވާ ދެ ފިހާރައިން ވެސް ލިބެން ހުންނާނެ މަސްވެރިކަމުގެ ދާއިރާއިން ބޭނުންވާ ގިނަ ހުރިހާ ސާމާނުތަކެއް އަދި އައިސް ލިބޭނެ އިންތިޒާމް ވެސް ހަމަޖެހިގެން ދާނެ\"
ގުޅޭ ޓެގު
comment ކޮމެންޓް