އަފުޣާނިސްތާނަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ އަސަރު އެ ގައުމުގެ އެތައް ހާސް ކުޑަކުދިންނަކަށް ކުރާ ކަމަށް އދގެ ކުޑަކުދިންނާބެހޭ އިދާރާ (ޔުނިސެފް)އިން ބުނެފިއެވެ.
އަފުޣާނިސްތާނަށް އާދަޔާހިލާފަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ، މިދިޔަ މަހު ވެސް އެތައް ބަޔަކު ވަނީ މަރުވެފައެވެ.
"މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރާ އަސަރު ކުޑަކޮށް އެ ކަމަށް އަހުލުވެރިކުރުމަށް މުޖުތަމައުތަކަށް އެހީތެރިވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ މަސައްކަތާއި އިންވެސްޓްމަންޓްތައް ދެގުނަ ކުރަން ޖެހޭ،" އަފުޣާނިސްތާނުގައި ހުންނަ ޔުނިސެފްގެ މަންދޫބު ޑރ. ތާޖުދީން އޮޔެވޭލޭ ވިދާޅުވިއެވެ.
ހަމައެއާ އެކު، ޔުނިސެފާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ވެސް މޫސުމާ ގުޅުން ހުރި ކާރިސާތަކުން ކޮށްފާނެ އަސަރުތަކަށް ތައްޔާރުވާން ޖެހޭ ކަމަށް އޮޔެވޭލޭ ވިދާޅުވިއެވެ.
ޗިލްޑްރަންސް ކްލައިމެޓް ރިސްކް އިންޑެކްސްގައި އަފްޣާނިސްތާން އޮތީ 163 ގައުމުގެ ތެރެއިން 15 ވަނައިގައެވެ. މާނައަކީ މޫސުމާއި ތިމާވެށީގެ ލޮޅުންތަކާއި މޫސުމީ ބަދަލުތައް އިތުރުވުމުގެ އިތުރުން، ދުނިޔޭގެ އެހެން ގައުމުތަކާ އަޅައިބަލާއިރު އަފުޣާނިސްތާނުގެ ކުޑަކުދިންނަށް އެކަމުގެ އަސަރުކުރާ މިންވަރު އިތުރުކަމެވެ.
އަމިއްލަ ޖަމާއަތެއް ކަމަށްވާ 'ސޭވް ދަ ޗިލްޑްރަން'އިން މިދިޔަ ހަފުތާ ބުނީ، 2024 ވަނަ އަހަރު އަފުޣާނިސްތާނުގެ ގާތްގަނޑަކަށް 6.5 މިލިއަން ކުދިންނަށް ބަނޑުހައިހޫނުކަން ކުރިމަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ފެންބޮޑުވުމާއި ހަނަފަސްކަން އިތުރުވުމުގެ އިތުރުން އަވައްޓެރި ޕާކިސްތާނާއި އީރާނުގައި ތިބި އަފްޣާނިސްތާނުގެ ގިނަ ބަޔަކު އެނބުރި ގައުމަށް ދިއުމުގެ ސަބަބުން އަފްޣާނިސްތާނުގެ ކޮންމެ 10 ކުދިންގެ ތެރެއިން ގާތްގަނޑަކަށް ތިން ކުދިންނަށް މި އަހަރު ބަނޑުހައިހޫނުކަމުގެ ހާލަތު ކުރިމަތިވާނެ ކަމަށް ވެސް އެ ޖަމާއަތުން ބުނެއެވެ.
ޕާކިސްތާނުން ގަވާއިދާ ހިލާފަށް އެ ގައުމުގައި ތިބި ކަމަށް ބުނާ ބިދޭސީންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފެށުމުން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 557،000 އަށް ވުރެ ގިނަ އަފްޣާނު ރައްޔިތުން ޕާކިސްތާނުން އެނބުރި ގައުމަށް ގޮސްފައިވެއެވެ.
އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހޭ މި މޫސުމީ ވިއްސާރައިގައި އަފްޣާނިސްތާނުގެ އެތައް ސަރަހައްދަކަށް ގެއްލުން ލިބި، އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފައެވެ. ދަނޑުބިންތަކާއި ގެދޮރު ވަނީ ސުންނާފަތިވެފައެވެ.
ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ އިދާރާ، ޑަބްލިޔުއެފްޕީއޭއިން ބުނީ އަފްޣާނިސްތާނަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މެއި މަހު 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، މަރުވި މީހުންގެ ތެރޭގައި ގިނައީ އެ ގައުމުގެ އުތުރުގައި އޮންނަ ބަޣްލާން ޕްރޮވިންސްގެ މީހުން ކަމަށެވެ. އެ ހާދިސާގައި ސަލާމަތްވި މީހުން ވެސް ދިރިއުޅޭނެ ގޮތެއް ނެތް ކަމަށް ޑަބްލިޔުއެފްޕީއޭއިން ބުނެއެވެ.