ހޯމް މިނިސްޓްރީއާ ގުޅުންހުރި ހުރިހާ ގާނޫނެއް ދިރާސާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެންނަނީ

އަހްމަދު ސިއްދީގު --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ހޯމް މިނިސްޓްރީއާ ގުޅުންހުރި ހުރިހާ ގާނޫނެއް ދިރާސާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން މަސައްކަތް ކުރާކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގާނޫނީ ވަކީލު އަހުމަދު ސިއްދީގު މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސިއްދީގު ވިދާޅުވީ، ގާނޫނުގައި ގިނަ އަދަދެއްގެ "ލޫޕް ހޯލްސް"ތަކެއް ހުރި ކަމަށެވެ. އެހެންކަމުން މިހާރު ހޯމް މިނިސްޓްރީން މަސައްކަތް ކުރަނީ ގާނޫނު ދިރާސާކޮށް ހޯމް މިނިސްޓްރީގެ އިދާރާތަކާ ގުޅިގެން އެ ގާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް އިމިގްރޭޝަނަށް އައިއްސަ މެޝިނުން އޭތި (ޑްރަގް) އެތެރެވާއިރުގައި އެމީހުންނަށް ހުރީ ކޮންކަހަލަ ގޮންޖެހުންތަކެއް ތޯ މި (ޑްރަގް) ހޯދައިގަތުމަށްޓަކާ. އެހެންވެއްޖެއްޔާ (ގޮންޖެހުންތަކެއް ހުރި ކަމުގައި ވެއްޖެއްޔާ) އަޅުގަނޑުމެން ގާނޫނަށްލާ ގެޕް ކުރާނަން. އެތަނުން އަތުލައިގަންނަ ޑްރަގް އެހެން ދިމާލަކަށް ޓްރާންސްފާ ކުރުމުގައި އެބަހުރިތޯ މައްސަލަތަކެއް،" ސިއްދީގު ވިދާޅުވިއެވެ.

އެހިސާބުން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް އެނގޭނެކަމަށް ސިއްދީގު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރާއިރު، އިދާރާތަކުގެ މުވައްޒަފުންގެ ޚިޔާލު އެކަމުގައި ހޯދާކަމަށެވެ.

"...ތިމަންނަމެންނަށް ދަތި ވަނީ ގާނޫނުގައި މިހެން އޮތީމައޭ، މި ގާނޫނުތައް މިގޮތަށް ބަދަލުކޮށްފިއްޔާ މީގެ ނަތީޖާ ނެރުމަށް އެއްވެސް ހުރަހެއް ނެތޭ، އެބޭފުޅުން ވިދާޅުވާން ޖެހޭނީ،" ގޮންޖެހުންތައް ފާހަގަކުރަން ޖެހޭނީ ތަންފީޒު ކުރާ އިދާރާތަކުން ކަން ފާހަގަކޮށް ސިއްދީގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ހުރިހާ އިސްލާހެއް އެއްކޮށް ހޯމް މިނިސްޓްރީން ފޮނުވާނީ ބަންޑާރަ ނައިބުގެ އޮފީހަށް ކަމަށެވެ. އަދި އެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި ދައުރު ފެށި ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 75 މެންބަރުން ތިއްބަވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގައެވެ.

comment ކޮމެންޓް