ރާއްޖޭގެ ހިމާޔަތްކޮށްފައިވާ ތަންތަން ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމާއި، ބަޔޯޑައިވާސިޓީ ހިމާޔަތްކުރުމާއި ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން 6.5 މިލިއަން ޔޫރޯ ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
މި ފައިސާ ރާއްޖެއަށް ދިނީ އީޔޫގެ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ މެނޭޖިން ޑިރެކްޓަރު، ޕައޮލާ ޕަމްޕަލޮނީއާ އެކު ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ފޮރިން މިނިސްޓްރީގައެވެ.
މި ބައްދަލުވުމުގައި ޕަމްޕަލޮނީއާ ވަނީ، ފާއިތުވި އަހަރުތަކުގައި އީޔޫއާ ގުޅިގެން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަ ކޮށްފައެވެ. އެގޮތުން، މޫސުމީ ބަދަލުތަކުން އަރައިގަތުމާއި، ޝަރުއީ ދާއިރާ ރިފޯމް ކުރަން ކުރި މަސައްކަތްތައް ފާހަގަކުރައްވާފައި ވެއެވެ.

އީޔޫގެ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ މެނޭޖިން ޑިރެކްޓަރު، ޕައޮލާ ޕަމްޕަލޮނީއާ އެކު ފޮރުން މިނިސްޓަރު މޫސާ ޒަމީރު ބައްދަލުކުރެއްވުމުގެ ތެރެއިން: ހިމާޔަތްކޮށްފައިވާ ތަންތަން ބަލަހައްޓާ، ބަޔޯޑައިވާސިޓީ ހިމާޔަތްކުރަން އީޔޫއިން 6.5 މިލިއަން ޔޫރޯ ވަނީ ހަދިޔާކޮށްފަ --- ފޮޓޯ/ ފޮރިން މިނިސްޓްރީ
މި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވަނީ، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އީޔޫއިން ރާއްޖެއަށް ވެދޭ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރުގެ އިތުރުން ރާއްޖޭގެ ފަރާތުން ފޮރިން ސެކްރެޓޮރީ ފާތިމަތު އިނާޔާ އާއި ސެކްރެޓަރީ ބައިލެޓެރަލް ޑރ. ހާލާ ހަމީދާއި، ޖޮއިންޓް ސެކްރެޓޮރީ ޝިއުނީން ރަޝީދު ބައިވެރިވެވަޑައިގަތެވެ.
އީޔޫގެ އިސް އޮފިޝަލުންގެ ފަސްވަނަ ބައްދަލުވުން ވެސް މިއަދު ވަނީ ރައްޖޭގައި ބާއްވާފައެވެ.