ފަރަންސޭސި ޤައުމީ ޓީމުގެ ކެޕްޓަން އަދި ނިމިދިޔަ ސީޒަންގައި ފްރެންޗް ލީގުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިންއަށް ކުޅުނު ކިލިއަން އެމްބާޕޭ ސްޕެނިޝް ލަލީގާގެ އިތުރުން ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ސޮއިކޮށްފިއެވެ.
މައުލުމާތުލިބޭގޮތުގައި އެމްބާޕޭ ރެއާލްއަށް ސޮއިކޮށްފައިވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުންނެވެ. އަދި މި މަހުގެ 30 ވަނަ ދުވަހު ޕީއެސްޖީގެ އެއްބަސްވުން ނިމުމާއެކު އޭނާ ރެއާލް އާ ގުޅޭނެއެވެ.
އުމުރުން 25 އަހަރުގެ އެމްބާޕޭ މިހާރު ވަނީ ރެއާލްއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި ޖުލައި އެއްވަނަ ދުވަހު ލަލީގާގެ ޓްރާންސްފާގެ ދޮރު ހުޅުވުމާއެކު އޭނާ އެ ޓީމާ ގުޅޭނެއެވެ. އެމްބާޕޭ ވަނީ މި އަހަރުގެ ފެބްރުއަރީ މަހު އަނގަބަހުން ރެއާލް އާ ގުޅޭނެކަމުގެ ޔަގީންކަން ދީފައެވެ. އަދި މެއި މަހު ވަނީ މި ސީޒަނަށް ފަހު އޭނާ ޕީއެސްޖީ ދޫކޮށްލާނެކަން ހާމަކޮށްފައެވެ.
ސްޕެއިންގެ ނޫސްތަކުން ހާމަކުރާގޮތުގައި ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ރެއާލްއިން ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެމްބާޕޭ އެ ޓީމާ ގުޅުނު ކަމުގެ ޚަބަރު އާންމު ކުރާނެކަމަށް ބެލެވެއެވެ. އަދި ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ 2024 މުބާރާތް ފެށުމުގެ ކުރިން ރެއާލްއިން އެމްބާޕޭ ރަސްމީކޮށް އާންމުންނަށް ތައާރަފް ކުރާނެއެވެ.
ފަރަންސޭސި ޤައުމީ ޓީމާއެކު 2018 ވަނަ އަހަރު ފީފާ ވޯލްޑް ކަޕްގެ ތަށި އުފުލާލައިފާވާ އެމްބާޕޭއަކީ ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އޭނާވަނީ 2017 ވަނަ އަހަރު އޭއެސް މޮނާކޯއިން ޕީއެސްޖީއަށް ބަދަލުވިފަހުން މިހާތަނަށް 256 ލަނޑު ޖަހައިދީފައެވެ.
މި އަންނަ ސީޒަންގައި އެމްބާޕޭ އާއެކު ރެއާލް މެޑްރިޑް ވަރަށް ބޮޑަށް ވަރުގަދަ ވެގެންދާނެކަމަށް ގިނަ ފަރާތްތަކުން ހާމަކުރަމުންދެއެވެ. އަދި މިހާރުވެސް އެ ޓީމުގައި ތިބި ކުޅުންތެރިންގެ އިތުރުން އެމްބާޕޭ އާއި ބްރެޒިލްގެ އެންޑްރިކް އެ ޓީމާ ގުޅުމަށްވަނީ ހަމަޖެހިފައެވެ. އަދި ތަޖުރިބާކާރު ކުޅުންތެރިޔާ ޓޯނީ ކްރޫސް ނެތްތަން ދެއްކި ނަމަވެސް ލޫކާ މޮޑްރިޖްވެސް ވަނީ އަނެއްކާ އެ ޓީމުގައި މަޑުކުރަން ނިންމާ އެއްބަސްވުން އާކޮށްފައެވެ.
މި ވަގުތު އެމްބާޕޭގެ ހުރިހާވެސް ވިސްނުމެން ހުންނާނީ ކުރިއަށް އޮތް ޔޫރޯ މުބާރާތުގައި ފަރަންސޭސި ޤައުމީ ޓީމު ތަމްސީލްކޮށް އެ ޓިމާއެކު ރަނގަޅު ކާމިޔާބީއެއް ހާސިލް ކުރުމަށެވެ.