އިންޑިގޯއިން ދަތުރުކުރާ އަންހެނުން އެހެން އަންހެނަކާ ކައިރިން ސީޓު ހޯދަން އާ ފީޗާއެއް

އިންޑިގޯ އެއާލައިންގެ ބޯޓުތަކެއް. އެ އެއާލައިނުން ދަތުރުކުރާ އަންހެނުން އެ އަންހެނަކާ ޖެހިގެން އިންނަން ބޭނުންނަމަ އެ ފުރުސަތު އިންޑިގޯއިން ވަނީ ހުޅުވައިލާފައި -- ފޮޓޯ/ސީއެންއެން

ފްލައިޓުގައި ދަތުރުކުރާ އަންހެނުން އެހެން އަންހެނަކާ ޖެހިގެން އިންނަން ބޭނުންވެއްޖެނަމަ، އެގޮތަށް ދަތުރުކުރެވޭގޮތް އިންޑިއާގެ އެއާލައިނެއް ކަމަށްވާ، އިންޑިގޯއިން ތައާރަފުކޮށްފިއެވެ.

އިންޑިގޯގެ އާ ފީޗާއިން އަންހެން ޕަސިންޖަރުން ތިބި ސީޓްތައް އޮންލައިންކޮށް ބަލައިލެވޭނެއެވެ.

އެ ކަމާ ގުޅިގެން އިންޑިގޯއިން ނެރުނު ބަޔާނެއްގައި ބުނީ، އެ އިޚުތިޔާރު އެކަނި ދަތުރުކުރާ އަންހެނުންގެ އިތުރުން އާއިލާއާ އެކު ދަތުރުކުރާ އަންހެނުންނަށް ވެސް ލިބޭނެ ކަމަށެވެ. އަދި، އެ ކަމުގެ ސަބަބުން އަންހެނުންނަށް ދަތުރުކުރުން އިތުރަށް ފަސޭހަވެގެންދާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

އިންޑިގޯއިން އެ އިޚުތިޔާރު ދީފައިވާ ވަކި ސީދާ ސަބަބެއް ހާމަކޮށްފައިނުވާއިރު، ފްލައިޓްތަކުގައި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ތަފާތުކުރުންތަކާއި އެ ނޫން ވެސް އެކި މައްސަލަތައް މުޅި ދުނިޔޭގައި ވެސް އާންމު ކަމަށް 'ސީއެންއެން'އިން ރިޕޯޓުކޮށްފައިވެއެވެ.

އެގޮތުން އެމެރިކާގައި މަތިންދާބޯޓުތަކުގައި ހިނގާ ޖިންސީ ގޯނާކުރާ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި އެފްބީއައިއިން އޭޕްރީލް މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މަތިންދާ ބޯޓުތެރޭގައި ޖިންސީ އަނިޔާ ލިބުނު 96 މައްސަލަ މިދިޔަ އަހަރު ރިޕޯޓުކޮށްފައިވެއެވެ. އެކަމުގައި އާންމުކޮށް ޝިކާއަރައަކަށް ވަނީ އަންހެނުން ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދެހާސް ހަވަނަ އަހަރު އޮޕަރޭޓް ކުރަންފެށި އިންޑިގޯއަކީ ކޮންމެ ދުވަހަކު 2000 އަށް ވުރެ ގިނަ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތައް ބާއްވާ އެއާލައިނެކެވެ.

comment ކޮމެންޓް