ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ކައުންސިލަށް ފިޝަރީޒް، އޯޝަން ސައިންސަސް އެންޑް އެގްރިކަލްޗާ ދާއިރާއިން، މެންބަރަކު އައްޔަން ކުރުމަށްޓަކައި، އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
އެމްއެންޔޫ ކައުންސިލަކީ އެ ޔުނިވަސިޓީ ހިންގާ އެންމެ އިސް މަޖިލީހެވެ. އެ މަޖިލީހުގައި މަތީ ތައުލީމާބެހޭ ވަޒީރު އައްޔަންކުރައްވާ އަށް މެންބަރުން ހިމެނެއެވެ.
ގައުމީ ޔުނިވަސިޓީން މިއަދު ކުރި އިއުލާނުގައިވަނީ އެ ޔުނިވަސިޓީ ކައުންސިލަށް ފިޝަރީޒް ދާއިރާއިން މެންބަރަކު އައްޔަން ކުރުމަށް ހުޅުވާލައި، އެ މަގާމަށްކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ވެސް އާންމުކޮށްފައެވެ. އޭގެ ތެރޭގައި އެ ޔުނިވާސިޓީގެ ދާއިމީ މުވައްޒަފަކާ އާއިލީ ގުޅުމެއް ނެތުމާއި ވާދަވެރި އެހެން ޔުނިވާސިޓީއެއް ނުވަތަ ކޮލެޖަކަށް ނިސްބަތް ނުވުން މުހިއްމު ކަމަށް އިއުލާނުގައި ވެއެވެ.
މެންބަރުކަމުގެ ޢިނާޔަތްތަކުގެ ތެރޭގައި ހާޒިރުވާ ކޮންމެ ޖަލްސާއަކަށް، އެއީ ސަބްކޮމިޓީގެ ޖަލްސާއެއް ކަމުގައި ވިއަސް، އެއް ހާސްރުފިޔާގެ ރަމްޒީ ޢިނާޔަތެއް ދެވޭނެ ކަމަށް ގައުމީ ޔުނިވާސިޓީން ބުނެއެވެ.
އެމްއެންޔޫ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ މީހުން ޖެހޭނީ، ސޮއިކޮށްފައިވާ ސީވީއާއި އައިޑީ ކާޑު ކޮޕީއެއް މި މަހުގެ 13 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެ ޔުނިވަސިޓީއަށް އީމެއިލް ކުރާށެވެ.
ޔުނިވަސިޓީއިން ބޭރުގެ އަށް މެންބަރުން ޢައްޔަންކުރަނީ މަތީ ތަޢުލީމަށް ޒިންމާވާ ވަޒީރެވެ. މެންބަރުން ޢައްޔަނުކުރަނީ، ޔުނިވަސިޓީ ކައުންސިލްގެ ނޮމިނޭޝަން ކޮމިޓީއިން އެކުލަވާލާ ލިސްޓެއްގެ ތެރެއިން ކަމަށް އެމްއެންޔޫއިން ބުނެއެވެ.
މިދިޔަ ޑިސެމްބަރު މަހު ފިޝަރީޒް މިނިސްޓްރީން އެމްއެންޔޫއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް އަންނަ އޮގަސްޓު މަހު ފިޝަރީޒް ކޮލެޖުގެ ކޯސްތައް ފަށާނެކަން ވަނީ އިއުލާންކޮށްފައެވެ. ފިޝަރީޒް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފިޝަރީޒް ކޮލެޖު އަތޮޅުތެރޭގެ ކެމްޕަސްތަކުގައި ވެސް ގާއިމުކުރާނެއެވެ.
ފިޝަރީޒް ކޮލެޖެއް ގާއިމްކޮށް، އެ ދާއިރާއިން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ރާއްޖޭގައި ފިޝަރީޒް ކޮލެޖެއް ގާއިމް ކުރައްވާނެކަން އެ މަނިކުފާނު ހާމަކުރެއްވީ 43 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ގިނަ ބަޔަކު އިހު ޒަމާނުން ފެށިގެން މަސްވެރިކަން ކުރި ނަމަވެސް އެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރާ މީހުން ނިސްބަތުން ވަރަށް މަދެވެ.