ޑެންގީ ޖެހި ނުރައްކާ ހާލަތަށް ދިޔަ ކުއްޖާގެ ހާލު މިހާރު ރަނގަޅު

ތުއްތު ކުއްޖާގެ އަތަށް ކެނިއުލާ ގުޅަން އުޅުމުގެ ތެރެއިން މަސްގަނޑަށް ލޭ އެޅިފައި --

ޑެންގީހުން ޖެހިގެން ކުޅުދުއްފުށިން އެއާ އެމްބިއުލާންސްގައި މާލެ ގެނައިއިރު ފުރާނައަށް ނުރައްކާވެފައި އޮތް އަށް މަހުގެ ތުއްތު ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށުމާއެކު ކުއްޖާގެ ހާލު ރަނގަޅުވާން ފަށާފައިވާ ކަމަށާއި މިހާރު އައިސީޔޫއިން ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ކުއްޖާއަށް ފުރަތަމަ ފަރުވާދިނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ.

މި ހާދިސާ ހިނގައިދިޔަ ގޮތް ތުއްތު ކުއްޖާގެ އާއިލާ މީހަކު ވަނީ "ސަން"އާ ހިއްސާކޮށްފައެވެ. އޭނާ ބުނިގޮތުގައި އެ ކުއްޖާ ބަލިވެގެން އެތައް ފަހަރަކު ޑޮކްޓަރަށް ދެއްކުމުން ވެސް ކުއްޖާގެ އެއްވެސް ޓެސްޓެއް ހަދާފައެއް ނުވެއެވެ. ކުއްޖާ ޑެންގީއަށް ޕޮޒިޓިވްވިކަން އެނގުނީ މިދިޔަ ހޯމަ ދުވަހު އާއިލާއިން އެދިގެން ޓެސްޓު ކުރުމުންނެވެ. އަދި, ކުއްޖާގެ ސިއްހީ ހާލަތު ދަށްކަން އެނގި، އައިސީޔޫގައި ފަރުވާދިނެވެ.

އާއިލާއިން ބުނެފައިވަނީ، ލޭ މަދުވުމުގެ ސަބަބުން ގުޅާފައި ހުރި ކެނިއުލާ ގުޑައިގެން ކުއްޖާގެ އަތަށް ކެނިއުލާ ގުޅިތަން ވަރަށް ބޮޑަށް ދުޅަވެފައި ހުރި މަންޒަރު ކުއްޖާގެ މަންމައަށް ފެނުނީ ފުރަން ގެންދަށް ހޮސްޕިޓަލުގެ ލިފްޓަށް އެރި ވަގުތު ކަމަށެވެ.

ކެނިއުލާ ގުޑައި އަނިޔާވި ތަން ރަނގަޅު ނުވާނަމަ ސާޖަރީ ހަދަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.

މި މައްސަލައިގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިހުމާލެވަފައިވާ ކަމަށް ބުނާ މައްސަލައެއް ހެލްތް މިނިސްޓްރީން ވަނީ ބަލަން ފަށައިފައެވެ.

މި މައްސަލައިގައި ކުޅުދުއްފުށީ ހޮސްޕިޓަލުން އިހުމާލުވެފައިވާކަމަށް ތުހުމަތު ކުރެވުމާ އެކު، "ސަން"އިން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިސަރާ ސުވާލުކުރުމުން ވިދާޅުވީ ތުހުމަތު ކުރެވޭ އިހުމާލުގެ މައްސަލައިގައި އެއްޗެއް ދަންނަވަން އެނގޭނީ މެޑިކަލް ރިވިއު ހެދުމަށް ފަހު ކަމަށެވެ. އެ ގޮތުން ހެލްތު މިނިސްޓްރީއާ އެކު މެޑިކަލް ރިވިއު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

މީގެ އިތުރުން އަށް މަހުގެ ތުއްތު ކުއްޖާ އެކި ފަހަރުމަތިން ހޮސްޕިޓަލަށް ގެންދިއުމުން ވެސް ޓެސްޓް ހަދާފައި ނުވާކަމަށް އާއިލާއިން ބުނެފައިވާތީ، އެކަމާ ގުޅިގެން ސުވާލުކުރުމުން ވިދާޅުވީ ކުއްޖާގެ ކިބައިން ފެންނަ އަލާމާތްތަކަށް ބެެއްލެވުމަށް ފަހު، ޓެސްޓް ހަދަން ޖެހޭތޯ ކަނޑައަޅުއްވާނީ ޑޮކްޓަރު ކަމަށެވެ.

https://sun.mv/192627

އެ ކުއްޖާގެ ހާލު ދެރަވުމުން، މާލެ ގެނައުމުގެ އިންތިޒާމުތައް ހަމަޖެހުނީ ހޯމަ ދުވަހުގެ ރޭ 12:30ގައެވެ.

comment ކޮމެންޓް