ޓްރަމްޕްގެ މައްޗަށް ކުށް ސާބިތުވެއްޖެ، ހުކުމްކުރުން ޖުލައި 11 ގައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: އޭނާގެ މައްޗަށް ވަނީ ކުށް ސާބިތުވެފައި -- ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގުޅުން ބޭއްވި އަންހެނަކަށް ފައިސާ ދީގެން އެ ވާހަކަ އޮއްބާލަން މަސައްކަތްކުރި ކަމަށް ބުނެ ކޮށްފައިވާ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައިފިއެވެ.

މިއީ އެމެރިކާގެ ދިގު ތާރީޚުގައި އެ ގައުމުގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވި ފުރަތަމަ ފަހަރެވެ.

އެ މައްސަލަ އަޑުއެހި ނިއުޔޯކްގެ ސިޓީ ޖޫރީން ވަނީ ޓްރަމްޕްގެ މައްޗަށް އުފުލި 34 ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅައިފައެވެ. އެހެންވެ، ދިފާއީ ވަކީލުގެ އެދުމުގެ މަތިން ޓްރަމްޕަށް ހުކުމްކުރަން ބާއްވާ އަޑުއެހުން ވަނީ އަންނަ ޖުލައި މަހުގެ 11 އަށް ތާވަލުކޮށްފައެވެ.

އެމެރިކާގެ ކުރީގެ ރައީސް 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށްވެފައި އޮއްވައި ކެމްޕޭނަށް ގެއްލުންވެދާނެ ކަމަށް ބަލައި ސްޓޯމީ ޑެނިއަލްސްއާ އެކު ބޭއްވި ގުޅުން ފޮރުވަން 130،000 ޑޮލަރު އޭނާއަށް ދީފައިވާ ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.

ޓްރަމްޕްގެ މައްޗަށް ސާބިތުވި 34 ދައުވާއަށް ވެސް ހަތަރު އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތް ނަމަވެސް، މިއީ އޭނާގެ މައްޗަށް ސާބިތުވާ ފުރަތަމަ ހުކުމްކަމުން ބޮޑަށް ބެލެވެނީ އިއްވާނީ ކޮމިއުނިޓީ ސާވިސް ފަދަ އަދަބެއް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ދައުވާތައް ޓްރަމްޕްގެ މައްޗަށް ސާބިތުވި ނަމަވެސް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން އެއްވެސް ހުރަހެއް ނޯންނާނެއެވެ. އެކަމަކު، މި މައްސަލަ މަތީ މަރުހަލާ ކޯޓުތަކުގައި އިސްތިއުނާފުކުރަން ވެސް ޓްރަމްޕުގެ ފަރާތުން ވަނީ ނިންމައިފައެވެ.

ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމުން ޓްރަމްޕް ވަނީ ޝަރީއަތަކީ ސިޔާސީ ކަންތައްގަނޑެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އަދި، ހަގީގީ ހުކުމް އިއްވާނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން މިިހާރުގެ ރައީސް ޖޯ ބައިޑެނާ ވާދަކުރައްވަން ޓްރަމްޕް ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.

comment ކޮމެންޓް