މާފުށީ ޖަލު އޮފިސަރަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

މާފުށީ ޖަލު: މަސްތުވާތަކެއްޗާއެކު މާފުށީ ޖަލު އޮފިސަރަކު ވަނީ ހައްޔަރުކޮށްފަ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކ. މާފުށި ޖަލުގެ އޮފިސަރަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ޚިދުމަތުގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބުދަ ދުވަހުގެ ރޭ 21:12 ހާއިރު މާފުށީ ޕޮލިހުން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހައްޔަރުކުރީ މާފުށީ ޖަލު ކައިރިން ހުއްޓުވައި ބަލާ ފާސްކުރިއިރު، ވަގުތީ ބަރުދަނުގައި 38.4 ގުރާމުގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބުނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ދިހަ ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހާއަކީ މާފުށީ ޖަލުގެ އޮފިސަރެކެވެ.

ޖަލު އޮފިސަރުން، ޖަލަށް މަސްތުވާތަކެތި ވައްދާ މައްސަލަތަކެއް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ.

މިދިޔަ ހަފުތާގައި ފުލުހުން ބުނެފައިވާ ގޮތުން ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް 309 އޮޕަރޭޝަނެއް ހިންގައި، 35 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.

comment ކޮމެންޓް