ޕާކިސްތާނުގެ ފުރަތަމަ މުވާސަލާތީ ސެޓެލައިޓް "ސެޓެލައިޓް އައިކިޔުބް ޤަމަރް" ކާމިޔާބުކަމާއެކު ލޯންޗްކުރިތާ މާގިނަދުވަސްތަކެއްނުވެ، އެ ގައުމުގެ އެންމެ ފަހުގެ ޒަމާނީ މުވާސަލާތީ ސެޓެލައިޓް، އެމްއެމް1، ޗައިނާގެ ޒިޗަންގް ސެޓެލައިޓް ލޯންޗް ސެންޓަރު (އެކްސްއެސްއެލްސީ)އިން މިއަދު ޖައްވަށް ފޮނުވާލައިފިއެވެ.
ޒަމާނީ މުވާސަލާތީ ޓެކްނޮލޮޖީގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ޕާކްސެޓް އެމްއެމް1 އަކީ ގައުމުގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާނެ އަދި ގައުމު "ޑިޖިޓަލް ޕާކިސްތާނަކަށް" ބަދަލުކުރުމަށް އެހީތެރިވެދޭނެ ވަސީލަތެއް ކަމަށް ދައުލަތުގެ ރޭޑިއޯއިން ބުނެއެވެ.
މި ސެޓެލައިޓްގެ ސަބަބުން ޒަމާނީ މުވާސަލާތީ ނެޓްވޯކެއް ގާއިމުކުރުމަށް މަގުފަހިވެ، ހަލުވި ސްޕީޑްގެ އިންޓަނެޓް މެދުނުކެނޑި ލިބޭނެ ކަމަށް ޕާކިސްތާނުގެ އޮފިޝަލުން ބުނެއެވެ.
ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ މި ސެޓެލައިޓް ލޯންޗުކުރުމުން މަރުހަބާ ވިދާޅުވެ، ސެޓެލައިޓްގެ ސަބަބުން ގައުމަށް އެންމެ ހަލުވި އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
"ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި އިންޓަނެޓް ކަނެކްޓިވިޓީއަށް ޕަކްސެޓް އެމްއެމް1 ގެ ސަބަބުން ކުރާނެ އަސަރުތަކާ މެދު ވަރަށް ބޮޑަށް އުފާކުރަން،" ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
ޝަހްބާޒް ވިދާޅުވީ ޕަކްސެޓް އެމްއެމް1ގެ ސަބަބުން ޕާކިސްތާނުގެ ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުމުގެ އިތުރުން އިގްތިސާދީ ހަރަކާތްތަކާއި އީ-ކޮމާސް އަދި އީ-ގަވަނަންސް ކުރިއެރުވުމަށް ވެސް އެހީތެރިވެދޭނެ ކަމަށެވެ.
ޕާކިސްތާނުގެ ތާރީހީ ހަނދު މިޝަން (އައިކިއުބް-ކަމަރް) ލޯންޗްކުރީ މި މަހުގެ ތިން ވަނަ ދުވަހު ޗައިނާގެ ހައިނާންއިން, ޗަންގް އީ6 ބޯޓުގައެވެ.
ސެޓެލައިޓް އައިކިއުބް-ކަމަރް މިޝަންއަކީ ޕާކިސްތާނުން ހަނދުގެ ދިރާސާތައް ހެދުމަށް ކުރާ ފުރަތަމަ މަސައްކަތެވެ.
ސެޓެލައިޓް އައިކިއުބް ގަމަރު، ޑިޒައިންކޮށް ތަރައްގީކުރީ ޗައިނާގެ ޝަންހާއީ ޔުނިވާސިޓީ އާއި ޕާކިސްތާނުގެ ގައުމީ ޖައްވީ އިދާރާ ސުޕާކޯ ގުޅިގެން އިންސްޓިޓިއުޓް އޮފް ސްޕޭސް ޓެކްނޮލޮޖީ (އައިއެސްޓީ) އިންނެވެ.