ޕްރައިވެޓް ސެކްޓާތަކަށް 4.9، މުއައްސަސާތަކަށް 6.4 ބިލިއަން ދައްކައިފިން: ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގް: ސަރުކާރުގެ ޚަރަދުތައް ދުވަސްތަކަކަށް ފަހު މިރޭ ވަނީ ހާމަކޮށްފައި -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

މި ސަރުކާރުން ހަވާލުވީއިރު، ޕްރައިވެޓް ސެކްޓާތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 4.9 ބިލިއަނާއި ސަރުކާރު މުއައްސަސާތަކަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 6.4 ބިލިއަން މިހާތަނަށް ދައްކައިފައިވާ ވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް ވިދާޅުވީ، ކުންފުނިތަކަށް މި ފައިސާ ދައްކާފައި ވަނީ ސަރުކާރުން ފައިސާ ހޯދައިގެން ކަމަށެވެ. މި އަދަދަށް ފައިސާ ދެއްކިފައި ވާނަމަވެސް ނުދައްކާ އަދިވެސް ދެ ބިލިއަނެއްހާ ރުފިޔާ އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީގެ އެންމެ ބޮޑު ޓާގެޓަކީ ފައިސާ ނުދައްކާ ހުންނަ މުއްދަތު މަދުކުރުން ކަމަށެވެ.

"މިސާލަކަށް ފައިސާ ނުދައްކާ ހުންނަ މުއްދަތަކީ 30 ދުވަސްތޯ، ނޫނީ 10 ދުވަސްތޯ ނޫނީ ހަތް ދުވަސްތޯ. އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް އަވަހަށް ފައިސާ ދައްކަން،" ފެބްރުއަރީ މަހު ބިލްތަކަށް ފައިސާ ދައްކަން ނަގާމުއްދަތު 14 ދުވަހަށް ދަށްކުރެވުނުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ، ކުންފުނިތަކުގެ ބިލްތައް ދެއްކުމަށް އެކުންފުނިތައް ޒިންމާދާރު ކުރެވޭނެ ގޮތްތައް ހޯދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުންފުނިތަކުގެ މުވައްޒަފުންނަށް ފައިސާދެނީ މުސާރަތައް ދިނުމަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ކޮންމެ މަހަކު ވެސް މުސާރަ ނުދެވޭ ހާލަތަކަށް ނުގޮސް ވޭތޯ ވަރަށް ބޮޑަށް މަަސައްކަތް ކުރަން. އެއުސޫލުން ސަބްސިޑީ މިދެނީ،" ޝަފީގް ވިދާޅުވިއެވެ.

comment ކޮމެންޓް