ދައުލަތުގެ ދަރަނި 126 ބިލިއަނަށް އަރައިފި

މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު މިއަދު ރައްޔިތުންގެ މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް

މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ދަރަނި 126 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ދަރަނި ހުރީ 124.8 ބިލިއަން ރުފިޔާގައެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަސް ތެރޭ ދައުލަތުގެ ދަރަނި 1.4 ބިލިއަން ރުފިޔާއިން ވަނީ އިތުރުވެފައެވެ.

ދަރަނި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއިގެ އެތެރެއިން ސަރުކާރުން ނެެގި ދަރަނިތަކެވެ. ބޭރުގެ ދަރަނި ހުރީ 38 ބިލިއަން ރުފިޔާގައެވެ.

މި ދަރަނިތަކުގެ ތެރެއިން ބަޖެޓަރީ ސެންޓްރަލް ހަވަމަންޓް ދަރަނި ހުރީ 112 ބިލިއަން ރުފިޔާގައެވެ. ސޮވެރިން ގެރެންޓީ ލިބިފައިވާ ދަރަނީގެ މިންވަރު ހުރީ 14 ބިލިއަން ރުފިޔާގައެވެ.

ސޮވެރިން ގެރެންޓީގެ ދަރަނި 170 މިލިއަން ރުފިޔާއިން ފުރަތަމަ ކުއާޓަރުގައި މަދުވި ނަމަވެސް ސަރުކާރުން ޑޮމެސްޓިކް މާކެޓުން ނެގި ލޯނުތަކާއި ބޮންޑުތައް ވަނީ އިތުރުވެފައެވެ.

މިދިޔަ އަހަރު ނިމުނުއިރު ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރީ 116 ޕަސެންޓުގައެވެ. ނަމަވެސް މި އަަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަދަދުވަނީ 110 ޕަސެންޓަށް ދަށްވެފައެވެ.

ވޯލްޑް ބޭންކުން އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިޞާދު 4.7 ޕަސެންޓުން އިތުރުވާނެއެވެ. ނަމަވެސް މިއީ ކުރިން އަންދާޒާކުރި މިންވަރަށްވުރެ ދަށް އަދަދެކެވެ.

ރާއްޖޭގެ ދަރަނި އިތުރުވުމަކީ ބައިނަލްއަގްވާމީ އިދާރާތަކުން ވެސް ފާޅުކުރަމުން އަންނަ ކަންބޮޑުވުމެކެވެ. އެއާއެކު ދަރަނި ރިސްޓްރަކްޗަރުކުރުމާއި، މާލީގޮތުން ހަރުދަނާ ނިންމުންތަކެއް ނިންމަން އިދާރާތަކުން އަންނަނީ އިރުޝާދު ދެމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު