އެމްޓީސީސީގެ 'ސުޒުކީ ފުޓުބޯޅަ ފޯރި'، ޕްރޮމޯޝަނުގެ މައުލޫމާތު ދޭން ސީދާ އޮޑި ހަރުގެތަކަށް

އެމްޓީސީސީގެ ސުޒުކީ ފުޓުބޯޅަ ފޯރި އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، އެ ކުންފުނީގެ ސީއީއޯ ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: އަމަން ލަތީފް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ 'ސުޒުކީ ފުޓުބޯޅަ ފޯރި' ޕްރޮމޯޝަން މިއަދު އިފުތިތާހު ކޮށްފިއެވެ.

މި ޕްރޮމޯޝަނަކީ މިއަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތާ ގުޅުވައިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15ގެ ނިޔަލަށެވެ.

އެމްޓީސީސީގެ ކަށަވަރު ޝޯރޫމުގައި އެކަމަށް ޚާއްސަކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮމޯޝަން އިފުތިތާހު ކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއީއޯ ވިދާޅުވީ މި ޕްރޮމޯޝަނުގައި ސުޒުކީ އިންޖީނާއި، އިންޖީނުގެ ސްޕެއާ ޕާޓްސްގެ އިތުރުން އިންޖީނުގެ އަޑީތެޔޮ އަދި ގިޔަރު ތެލުންވެސް ޑިސްކައުންޓު ލިބޭނެ ކަމަށެވެ.

"އަދި މި ޕްރޮމޯޝަނާއި ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭން ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި އޮޑި ހަރުގެތަކަށް އަދި އިންޖީނު މަރާމާތު ކުރާ ވޯކްޝޮޕްތަކާއި ސާވިސް ސެންޓަރުތަކަށް އެމްޓީސީސީގެ ޓީމުތަށް ޒިޔާރާތް ކުރާނެ،" އޭނާ ވިދާޅުވިއެވެ.

އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު އިމާދު ރާޝިދު ވިދާޅުވީ ރާއްޖޭގެ ހަތަރު ޒޯނަކަށް އެމްޓީސީސީގެ ފަރާތުން ދަތުރު ކުރާނެ ކަމަށެވެ. އެ ގޮތުން އެންމެ ފޯރީގައި ލޯންޗުތައް ބަނުމުގެ މަސައްކަތް ކުރާ ސަރަހައްދުތަކަށް އެމްޓިސީސީގެ މުވައްޒަފުން ދާނެ ކަމަށް އޭނާ ބުންޏެވެ. އަދި އެކި ދުވަސްތަކަށް ބަހައިލައިގެން ދެ މަސް ދުވަހުގެ ތެރޭގައި މި ދަތުރުތައް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސުޒުކީ އަކީ މިވަގުތު ރާއްޖޭގައި އެންމެ ޕްރިފާޑް އެއް އިންޖީނުގެ ގޮތުގައި ގަބޫލު ކުރެވެނީ. ކަސްޓަމަރުން އެންމެ ޕްރިފާ ކުރާ އެއް އިންޖީނު،" އޭނާ ވިދާޅުވިއެވެ.

އެއީ މިވަގުތު ރާއްޖޭގެ މާކެޓުގައި ވިއްކާ އެންމެ ތެޔޮ ޚަރަދު ކުޑަ އިންޖީނު ކަމަށް ވެސް ރާޝިދު ވިދާޅުވިއެވެ.

މީގެ އިތުރަށް އޭނާ ވިދާޅުވީ ފުޓުބޯޅަ ފޯރި ޕްރޮމޯޝަންގައި ފުޓުބޯޅައާ ގުޅުން ހުރި ގިނަ ކަންތައްތަކެއްވެސް ކުރިއަށްގެންދާނެ ކަމަށެވެ. އެކަންކަން ކުރިއަށްގެންދާ ވަރަކަށް ހިއްސާ ކުރަމުންދާނެކަން ރާޝިދު ވިދާޅުވިއެވެ.

comment ކޮމެންޓް