ސިޑްސްއަށް ދޭ އެހީތެރިކަން ފުޅާކުރަން ރައީސް ކޮމަންވެލްތަށް ބާރުއަޅުއްވައިފި

ރައީސް ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލްއާ ބައްދަލު ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)އަށް ކޮމަންވެލްތުން އެކި ގޮތްގޮތުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަން އިތުރަށް ފުޅާކުރުމަށް އެ ޖަމާއަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބާރު އަޅުއްވައިފިއެވެ.

ބާބިއުޑާގައި ކުރިއަށްދާ ސިޑްސް ކޮންފަރެންސްގެ ހަވާސާގައި ރައީސް އިއްޔެ ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރައިޓް ޕެޓްރީޝިއާ ސްކޮޓްލޭންޑް ކޭސީއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވަނީ ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

އަދި، ސިޑްސްއަށް އެހީވުމުގައި ކޮމަންވެލްތުގެ ދައުރު އިތުރަށް ފުޅާކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް ވެސް އެ ބޭފުޅުންގެ މަޝްވަރާގައި ވާހަކަ ދައްކަވައިފައިވެއެވެ.

ރައީސް އިނގިރޭސިވިލާތުގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެންޑް ކޮމަންވެލްތާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން ވެސް ރައީސް ވަނީ ތިން ޤައުމެއްގެ އިސްވެރިންނާއި ބައްދަލުކުރައްވައިފައެވެ.

އެގޮތުން، އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރާއި، ޓޮންގާގެ ބޮޑު ވަޒީރާއި، އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެންޑް ކޮމަންވެލްތާ ވެސް ރައީސް މުއިއްޒު ވަނީ ބައްދަލުކުރައްވައިފައެވެ.

އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާ ބައްދަލުކުރައްވައި އެ މަނިކުފާނު ވަނީ، ތަރައްޤީވަމުންވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާ ގުޅޭ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި، ވިލުންތެރިކަން އިތުރުކުރުމާއި އިސްކަންދޭ މުހިންމު މައްސަލަތަކުގައި މަލްޓިލެޓަރަލް ޕްލެޓްފޯމްތަކުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

ޓޮންގާގެ ބޮޑުވަޒީރު ސިއާސީ ސިވަލެނީއާއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާގައި އެ ބޭފުޅުން ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ތަރައްޤީގެ މަގުގައި ކުރިއަށްދާއިރު އަމިއްލަ ފުދުންތެރިކަމާ އެކު ކުރިއަށްދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ. އަދި، މަލްޓިލެޓަރަލް ކްލައިމެޓް ފަންޑުގެ އެހީތެރިކަން ހޯދުމަށް މިހާރު އޮންނަ ގޮތްތައް އިތުރަށް ހަރުދަނާކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސް ޓޮންގާގެ ބޮޑުވަޒީރު ސިއާސީ ސިވަލެނީއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން، އިނގިރޭސި ވިލާތުގެ ސްޓޭޓް މިނިސްޓަރާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު އޮތް ގުޅުމާ ބައިނަލްއަޤުވާމީ ގުޅުންތަކުގެ މައްޗަށް، ޚާއްސަކޮށް ސިޑްސްއާ ގުޅުންހުރި މައްސަލަތަކުގެ މަޝްވަރާތައް ކުރައްވާފައިވެއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ވެސް މި މަޝްވަރާގައި ރައީސް ވަނީ އަލިއަޅުވާލައްވައިފައެވެ.

https://sun.mv/192516

ސިޑްސްގެ ހަތަރުވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ފުރައިވަޑައިގަތީ މިދިޔަ ހުކުރު ދުވަހުގައެވެ.

މިގޮތުން ރައީސް މުއިއްޒު ވަނީ ހޯމަ ދުވަހުގެ ރޭ ސަމިޓްގެ ޕްލީނަރީ ސެޝަންގައި ރާއްޖޭގެ ގައުމީ ބަޔާން ދެއްވާފައެވެ. އެ ބަޔާނުގައި އެ މަނިކުފާނު ވަނީ ރާއްޖެ ބައިނަލްއަގުވާމީ ގޮތުން ބާރުވެރިވާން، އދ.ގެ ސަލާމަތީ މަޖިލީހަށް ކުރިމަތިލާނެކަން އިއުލާން ކުރައްވައިފައެވެ.

ކުދި ޖަޒީރާ ގައުމުތަކުން ބައިވެރިވާ މި ކޮންފަރެސަކީ ކޮންމެ 10 އަހަރަކުން އެއް ފަހަރު ބާއްވާ ކޮންފަރެންސެކެވެ.

comment ކޮމެންޓް