އެފްރިކާ އާއި އޮސްޓްރޭލިއާ ގުޅުވައިދޭ ފުރަތަމަ ކަނޑުއަޑީގެ ކޭބަލް ގޫގުލްއިން އަޅަނީ

ގޫގުލް: ދުނިޔޭގެ އެންމެ ވަރުގަދަ ޓެކްނޮލޮޖީ އެއް ކުންފުނި --

އެފްރިކާ ސީދާ އޮސްޓްރޭލިއާއާ ގުޅުވައިދޭ ފުރަތަމަ ފައިބާ އޮޕްޓިކް ކޭބަލް ސިސްޓަމް އެޅުމަށް ނިންމާފައިވާކަން ގޫގުލްއިން އިއުލާނުކޮށްފިއެވެ.

ކަނެކްޓިވިޓީގެ ބޮޑު ހަރަކާތެއްގެ ދަށުން ކެންޔާއިން ފެށިގެން އިންޑިއާ ކަނޑު ހުރަސްކޮށް ޕާތުއާ ހަމައަށް ގޫގުލްއިން "އުމޯޖާ" ނަމުގައި މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިކަމުގެ ސަބަބުން މި ސަރަޙައްދުގެ ގައުމުތަކަށް އިންޓަނެޓްގެ ޚިދުމަތް އަވަސްވެ، ޑިޖިޓަލް އިންފްރާސްޓްރަކްޗާ ރަނގަޅުވާނެއެވެ.

ކަނޑުއަޑީގެ ކޭބަލް އޮސްޓްރޭލިއާއަށް ދިއުމުގެ ކުރިން ކެންޔާ، ޔޫގެންޑާ، ރުވާންޑާ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ، ޒެމްބިއާ، ޒިމްބާބުވޭ އަދި ސައުތު އެފްރިކާ ފަދަ އެފްރިކާގެ ގިނަ ގައުމުތަކަކަށް އަރާނެއެވެ.

ގޫގުލްއިން ދަނީ ލިކުއިޑް އިންޓެލިޖެންޓް ޓެކްނޮލޮޖީސްއާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގައި އޮޕްޓިމަލް ޓެރެސްޓްރިއަލް ރޫޓް ޗާޓުކޮށް، އިތުރު ގައުމުތަކަށް ހައި ސްޕީޑް ޑޭޓާ ޕައިޕްލައިންގެ ތެރެއަށް ވަނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

"އުމޯޖޯ" ޕްރޮޖެކްޓްގެ ޚިޔާލީ ކުރެހުމެއް --

ލިކުއިޑް އިންޓެލިޖެންޓް ޓެކްނޮލޮޖީސްގެ ބާނީ ސްޓްރައިވް މަސިޔިވާ ވިދާޅުވި ގޮތުގައި އެފްރިކާގެ ބޮޑެތި ސިޓީތަކަކީ ދުނިޔޭގެ އެހެން ތަންތަނާ ގުޅުމެއް ނެތް ތަންތަނުގެ ގޮތުގައި މިހާރު ސިފަވިޔަސް މީގެ ފަހުން އެކަންކަން ހައްލުވެގެން ދާނެއެވެ.

އެ ތަންތަނަކީ މިހާރު އެތައް ހާސް ގުނައެއް އިތުރު ޓްރެފިކް އުފުލޭނެ ޑޭޓާ ސުޕަހައިވޭއެއްގެ ސްޓޭޝަންތަކަކަށް މުސްތަޤުބަލުގައި ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތުގެ ދަށުން އެފްރިކާގެ އެކި ސަރަހައްދުތަކުގެ ޓެރެސްޓްރިއަލް ބައި މިހާރު ނިމިފައިވިޔަސް، އިންޑިއާ ކަނޑުގެ އެކި ސަރަހައްދުތަކުގައި (ކަނޑުއަޑީގެ ކޭބަލް) އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ސީދާ ވަކި ޓައިމްލައިނެއް އަދި ވެސް ނެތެވެ. ނަމަވެސް މި މަސައްކަތް ނިމުމުން އުމޯޖާ ކޭބަލް ވެގެންދާނީ ދެ ކޮންޓިނެންޓްގެ މެދުގައި ފުރަތަމަ އަޅާލެވުނު ޑައިރެކްޓް ފައިބާ ލިންކަށެވެ.

މި ޕްރޮޖެކްޓް ރަމްޒުކޮށްދެނީ މުޅި އެފްރިކާގައި އިންޓަނެޓްގެ ހިދުމަތް ފުޅާކުރުމަށާއި ކްލައުޑް ކޮމްޕިއުޓިންގެ ހިދުމަތް ފުޅާކުރުމަށް ގޫގުލް އިން ކުރާ ބޮޑު އިންވެސްޓްމަންޓެކެވެ.

އެ ކުންފުނިން ވަނީ 2007 ވަނަ އަހަރު ނައިރޯބީގައި ފުރަތަމަ އޮފީހެއް ހުޅުވައި، ޑިޖިޓަލް ޓްރާންސްފޯމޭޝަން އިނީޝިއޭޓިވްސް އަށް 2021 ވަނަ އަހަރު ގެ ނިޔަލަށް ފަސް އަހަރުގެ ތެރޭގައި އެއް ބިލިއަން ޑޮލަރު އިންވެސްޓް ކޮށްފައެވެ.

އުމޯޖާ ކޭބަލްގެ އިތުރުން ގޫގުލް އިން ކަނޑުއަޑީގައި ކޭބަލް އެޅުމުގެ އިތުރު ޕްރޮޖެކްޓްތައް ވެސް ކުރިއަށް ދާއިރު އޭގެ ތެރޭގައި ޕޯޗުގަލް އާއި ސައުތު އެފްރިކާ ގުޅުވައިދޭ ދާދި ފަހުން އިއުލާނުކުރި އިކުއިއާނޯ ސިސްޓަމް ވެސް ހިމެނެއެވެ.

އަދި ސައިބާ ސެކިއުރިޓީ، އޭއައި ޑިޕްލޮއިމަންޓް އަދި ޑިޖިޓަލް ސްކިލްސް ޓްރެއިނިން ފަދަ ދާއިރާތަކުން ކެންޔާ ސަރުކާރާ ގުޅިގެން ވެސް އެ ކުންފުނިން އަންނަނީ މިފަދަ މަސައްކަތް ތަކެއް ކުރަމުންނެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެފްރިކާގައި ގާތްގަނޑަކަށް 300 މިލިއަން މީހުން އަލަށް އޮންލައިންކޮށް އިންޓަނެޓްގެ ޚިދުމަތަށް އަންނާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ގޫގުލްގެ އަމާޒަކީ ހަލުވިކަމާއެކު ޑިޖިޓަލައިޒްކުރާ ސަރަހައްދުގައި ރަނގަޅު ކަނެކްޓިވިޓީ އާއި ކްލައުޑް ގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ ކުރީސަފުގައި މަސައްކަތް ކުރުމެވެ.

comment ކޮމެންޓް