ގަވާއިދާ ޚިލާފަށް ވަކިކުރި 10 ކޯޓް އެޑްމިނިސްޓްރޭޓަރަކަށް ގެއްލުނު މުސާރަ ދޭން އަންގައިފި

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން 2020ވަނަ އަހަރު ގަވާއިދާ ޚިލާފަށް ވަޒީފާއިން ވަކިކުރި ކޯޓު އެޑްމިނިސްޓްރޭޓަރުންތަކަކަށް ވަޒީފާއާއި ގެއްލުނު މުސާރަ އަލުން ދިނުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކަންހިނގާފައި ވާގޮތަށް ބަލާއިރު، މިމީހުން ވަޒީފާއިން ވަކިކުރަން 2020ވަނަ އަހަރުގެ އޮގަސްޓު އެއްވަނަ ދުވަހު ޖޭއެސްސީން ނިންމުމުން މި މުވައްޒަފުން ވަނީ އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް ހުށަހަޅައިފައެވެ. މި މައްސަލަ އެ ޓްރިބިއުނަލުން ނިންމާފައި ވަނީ ގަވާއިދާ ޚިލާފަށް ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާއާއި މުސާރަ ދިނުމާ އެއްކޮޅަށެވެ.

އޭގެ ފަހުން ޖޭއެސްސީން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް ޖޭއެސްސީއާ ދެކޮޅަށް މައްސަލަ ނިމުމުން ސުޕްރީމްކޯޓުގައި ވެސް އިސްތިއުނާފު ކުރިއެވެ.

މި މައްސަލައިގައި ޖޭއެސްސީއާ ދެކޮޅަށް މިއަދު ސުޕްރީމް ކޯޓުގައި ހުކުމް ކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މިމީހުންގެ ވަޒީފާ އާއި ގެއްލުނު މުސާރަ އަލުން އިޔާދަކުރަން ޖެހޭކަމަށް ސުޕްރީމް ކޯޓުން ނިންމި މައިގަނޑު ސަބަބަކީ ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިތަނުން އެއް މުވައްޒަފެއްގެ ވަޒީފާ އިޔާދަކުރަން ނިންމާފައި ވުން ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.

ޖޭއެސްސީން ގަވާއިދާ ޚިލާފަށް ވަކިކޮށްފައިވާ ކޯޓު އެޑްމިނިސްޓްރޭޓަރުންގެ ތެރޭގައި، ފެމިލީ ކޯޓުގެ އެޑްމިނިސްޓްރޭޓަރަކާއި، ކްރިމިނަލް ކޯޓުގެ އެޑްމިނިސްޓްރޭޓަރަކާއި ހައިކޯޓުގެ ސީނިއާ ކޯޓު އެޑްމިނިސްޓްރޭޓަރުގެ އިތުރުން ހަތް މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓަރުން ހިމެނެއެވެ.

comment ކޮމެންޓް