ރާއްޖޭން ބޭރުން އައި ޔޮޓަކުން ކ.ތުލުސްދުއަށް ކުއްތާއެއް ބޭލި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ ކ. ހިންމަފުށީ ބޭރުގައި އޮތް ޔޮޓެއްގެ ފަތުރުވެރިންތަކެއް ތުލުސްދުއަަށް ކުއްތާއެއް ބޭލިކަމުގެ ރިޕޯޓް މިއަދު ލިބިގެން އެ ރަށަށް ގޮސް ހަރަކާތްތެރިވި ކަމަށެވެ.
ފަތުރުވެރިޔަކު ކުއްތާ އުރައިގެން ތުލުސްދޫއަށް ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
ފުލުހުން ބުނީ އެ ކުއްތާ މިހާރު އަނބުރާ ޔޮޓަށްގެންގޮސްފައިވާ ކަމަށާއި އެއީ ހުއްދަ ލިބިގެން ރާއްޖެ އެތެރެކޮށްގެން އުޅޭ ކުއްތާއެއް ކަމަށް ފުލުހުން ބެލި ބެލުމުން އެނގޭ ކަމަށެވެ.
ކުއްތާއަކީ ރާއްޖެ އެތެރެކޮށް ގެންގުޅުން މަނާ އެއްޗެކެވެ. ނަމަވެސް ފުލުހުންގެ ބޭނުމަށް އެއާޕޯޓްގައި ކުއްތާތަކެއް ގެންގުޅެއެވެ.