ދުނިޔޭގެ އެންމެ ކުޑަ ފިރިހެން ކުރެހުންތެރިޔާގެ މަގާމު އުމުރުން އެންމެ އެއް އަހަރުގެ އޭސް-ލިއަމް ނާނާ ސޭމް އަންކްރާ ހޯދައިފިއެވެ.
ގާނާއަށް އުފަން ލިއަމްގެ އުމުރުން އެއް އަހަރާއި 153 ދުވަހެވެ. އެކަމާ ގުޅިގެން ލިއަމްގެ މަންމަ ވަނީ އޭނާގެ ދަރިފުޅުގެ ގާބިލުކަމާމެދު ފަހުރުވެރިވާ ކަމަށް ބުނެފައެވެ. ލިއަމްގެ މަންމަ ޗަންލެޓް ކުއުކުއާ އެގަން އަކީވެސް ޕެއިންޓަރެކެވެ. އޭނާ އެ މަސައްކަތްކުރާތާ އަށް އަހަރު ވެއްޖެއެވެ.
ލިއަމްއަށް ރަސްމީކޮށް އެ މަގާމު ލިބުނީ މިދިޔަ ހޯމަ ދުވަހުއެވެ. ގިނިސް ވޯލްޑް ރިކޯޑްސް (ޖީޑަބްލިޔުއާރު)އިން އޭނާގެ މަސައްކަތް ބަލައިގަންނަން ފަސް މަސް ދުވަހު މަޑުކުރަން ލިއަމްއަށް ޖެހުނެވެ.

ލިއަމްގެ ހުނަރު ފެނިފައި ވަނީ އުމުރުން އެންމެ ހަ މަހުގައި. ފޮޓޯ/ބީބީސީ
"އޭނާއަށް މިހާރު ވެސް އެނގޭ ކުލަތަކުގެ ކޮމްބިނޭޝަންއަކީ ކޮބައިކަން،" އެގަން ބުންޏެވެ.
އޭނާގެ އެ ހުނަރު ހުރިކަން އެންމެ ފުރަތަމަ ފާހަގަކުރެވުނީ އުމުރުން އެންމެ ހަ މަހުގައި ކަމަށް ވެސް އެގަން ބުންޏެވެ.
މި ރިކޯޑަށް ކޮލިފައިވުމަށް އާންމުންނަށް ހުޅުވައިލައިގެން ބާއްވާ މައުރަޒެއްގައި ބައިވެރިވެ އޭނާގެ މަސައްކަތް ވިއްކަން ލިއަމްއަށް ޖެހެއެވެ.
ލިއަމް ވަނީ މިހާތަނަށް އޭނާގެ 15 މަސައްކަތް ވިއްކައިފައި. ފޮޓޯ/ބީބީސީ
ލިއަމްގެ މަސައްކަތްތައް ވަނީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ޖެނުއަރީ މަހުގެ ކުރީކޮޅުގެ ނިޔަލަށް ގާނާގެ ވެރިރަށް އަކްރާގެ މިއުޒިއަމް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި ދައްކާލައިފައެވެ.
ޑިސްޕްލޭގައި ބަހައްޓާފައި ހުރި ލިއަމްގެ 10 މަސައްކަތުގެ ތެރެއިން ނުވަ މަސައްކަތް ވަނީ ވިކިފައެވެ. އަދި، މައުރަޒުގައި ބައިވެރިވި ފަސްޓް ލޭޑީ ރެބެކާ އަކުފޯ-އަޑޯ ވަނީ އޭނާއަށް ކޮމިޝަން ވެސް ދީފައެވެ.