މީދޫގައި ނޫޑްލްސް ކަނީ މޮޑެގެން؟

ދިވެހީން ކައި ބޮއި އުޅޭ ކޮންމެ އެއްޗަކީ ވެސް އެކި ގޮތްގޮތަށް އެކި ރަށްރަށުގައި ހަދައިގެން އުޅޭ އެއްޗެއްސެވެ. އެއް ރަށެއްގައި ރިހަ ކައްކާ ގޮތަށް އަނެއް ރަށުގައި ނުކައްކަފާނެއެވެ. މި ފަހަރު މި އޮތީ އެކަހަލަ ވާހަކައެކެވެ. އެއީ ނޫޑްލްސްއެވެ. އަދި، ދ. މީދޫއަށް ޚާއްސަ ނޫޑްލްސްއެވެ.

ދިވެހިންނަކީ ނޫޑްލްސް އެކި ގޮތް ގޮތަށް ކައި އުޅޭ ބައެކެވެ. ހަމައެކަނި ލޮނު ޕެކެޓު އަޅާލައިގެން ހުހަށް ވެސް އެއްބައި ފަހަރު ހަމަ ކައި އުޅެއެވެ. ނަމަވެސް، ނޫޑްލްސް މޮޑެގެން ކެއީ ކިތައް މީހުން ހެއްޔެވެ؟

މިއީ މީދޫއަށް ޚާއްސަ ރެސިޕީއެކޭ ވެސް ބުނެވިދާނެއެވެ. އެހެން ރަށެއްގައި ވެސް މިފަދަ ގޮތަށް ނޫޑްލްސް ހެދުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، ނޫޑްލްސް މޮޑެގެން ކެއުމަކީ މީދޫގައި މަގުބޫލު ކަމެކެވެ.

މީދޫއިން ވާހަކަ ދެއްކި ޒުވާނަކު ކިޔައިދިން ގޮތުގައި އެ ރަށުގައި އާންމުކޮށް ދަތުރު ގޮސް އުޅޭއިރު ނޫޑްލްސް މޮޑެގެން ހަދައެވެ. މިއީ ހުރިހާ އެންމެން ހަދައި އުޅޭ އެއްޗަކަށް ނުވި ނަމަވެސް ރަށު ގިނަ ބަޔަކަށް އެނގޭ އެއްޗެއް ކަމުގައި އޭނާ ފާހަގަކުރިއެވެ.

https://www.tiktok.com/@ramrish05/video/7371411579146964244

ދަތުރުތަކުގައި ނޫޑްލްސް އަކީ ވަރަށް މަގުބޫލު އެއްޗެކެވެ. އެގޮތުން، އެހެން އެކްސްޕެރިމެންޓް ކުރަން އުޅުމުގެ ތެރޭގައި ނޫޑްލްސް މޮޑެވިގެން އެއްޗަކަށްވީ ކަމުގައި ބެލެވޭ ކަމަށް އޭނާ ބުނެއެވެ. މި ކިހާ ދުވަހެއް ވަންދެއް ރަށުގައި ނޫޑްލްސް ހަދައި އުޅުނު ގޮތެއް ކަމެއް ވެސް ނޭނގެއެވެ. ނަމަވެސް، މިއީ އެހާ ކުރީގެ ކެއުމެއް ކަމުގައި ނުބެލެވޭ ކަމުގައި އޭނާ ފާހަގަކުރެއެވެ.

ނޫޑްލްސް މޮޑެނީ ކިހިނެއް؟

ނޫޑްލްސް މޮޑުމަށްޓަކައި އެންމެ ފުރަތަމަ ފިޔާ އަދި ގިތެޔޮ މިރުސް ކޮށަނީއެވެ. އެއަށް ފަހު ހުތް ޖަހާލައި ހުރިހާ އެއްޗެއް މޮޑެލަނީއެވެ. ފިޔާ އަދި މިރުސް ރަނގަޅަށް އެއްވުމުން މަސް ދަޅު އަޅައިގެން މޮޑުމަށް ފަހު ލޮނުމިރުސް ހަވާދު ވެސް އަޅައިގެން ހުރިހާ އެއްޗެއް އެއްކޮށްލަނީއެވެ. އެންމެ ފަހުން ނޫޑްލްސް ޕެކެޓުގައި ހިމެނޭ ލޮނު އަޅައި ނޫޑްލްސްތައް ފުނޑުކޮށް ހުރިގޮތަށް އަޅާލައިގެން ހުރިހާ އެއްޗެއެް މޮޑެނީއެވެ. މިހާ ހިސާބުން މިއޮތީ ނޫޑްލްސް މޮޑެވިފައެވެ.

comment ކޮމެންޓް