ތިމާވެއްޓާ ގުޅޭ ރިސާޗް ސެންޓަރެއްގެ މަސައްކަތް ފަށަނީ

ތިމާވެއްޓާއި މޫސުމާ ހަކަތައާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގެ ތެރެއިން--- ފޮޓޯ: ސަން އޮންލައިން

ރާއްޖޭގައި އެންވާރަމެންޓަލް ރިސާޗް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ތިމާވެއްޓާއި މޫސުމާ ހަކަތައާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެ ވުޒާރާއިން ކޮއްފައިވާ މަސައްކަތުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި އެންވާރަމެންޓަލް ރިސާޗް ސެންޓަރެއް ގާއިމްކުރުމަށް ފަންޑު ހޯދުމުގެ މަސައްކަތް މިހާރު ފަށާފައި ވާކަމަށާއި ރިސާޗް ސެންޓަރެއްގެ ބޭނުން ރާއްޖެއަށް ވަރަށް ބޮޑަށް ޖެހިފައިވާކަމަށެވެ.

މި މަސައްކަތްތައް އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާއި މިނިސްޓްރީ ތެރޭގައި މިހާރު ވެސް ކުރަމުންދާކަން ވަޒީރު ވަނީ ފާހަގަކޮށްފައެވެ.

"މިއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ އެންވާރަމެންޓަލް ރިސާޗަށް މި ވަގުތު އެއްވެސް ރިސާޗް ސެންޓަރެއް ނެތް. ނަމަވެސް އީޕީއޭއާ މިނިސްޓްރީ ތެރޭގައި ރިސާޗްގެ ބައެއް މަސައްކަތްތައް ކުރެވޭ،" ވަޒީރު ތޯރިގު ވިދާޅުވިއެވެ.

އާންމު ގޮތެއްގައި ރާއްޖޭގައި ވެއްޓާ ގުޅޭ ދިރާސާތައް ހަދަނީ އަމިއްލަ ޖަމިއްޔާތަކުންނެވެ. މަދުން ނަމަވެސް އީޕީއޭއިން އެ ފަދަ ދިރާސާތައް ކުރާއިރު، އެންމެ ބޮޑު އެއް ދައްޗަކީ މާލީ ދަތިކަމެވެ.

comment ކޮމެންޓް