އާޓްސް ސުކޫލް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: މިނިސްޓަރު

ރާއްޖޭގައި ބައިނަލްއަޤުވާމީ ފެންވަރުގެ އާޓްސް ސުކޫލެއް އަޅަނީ--ފޮޓޯ:ސަން

ރާއްޖޭގައި އާޓްސް ކުރިއެރުވުމަށް ޓަކައި ބައިނަލްއަގުވާމީ ފެންވަރުގެ އާޓްސް ސްކޫލެއް ގާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަހީދު ވިދާޅުވީ، ރަނގަޅު ފެންވަރުގެ އާޓްސް ސްކޫލެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި އެސްކޫލުގެ ބޭނުން ރާއްޖެއަށް ވަރަށް ބޮޑު ކަމަށެވެ.

ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ އާޓްސް ސްކޫލެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެއް ކަން ފާހަގަކުރައްވާ ވަހީދު ވިދާޅުވީ، އެކަމާ ގުޅޭގޮތުން ރައީސްއާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

މީިގެއިތުރުން މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މީޑިއާ ވިލެޖުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

"މީޑިއާ ވިލެޖުގެ މަސައްކަތް ނިމޭއިރު ނޫސްވެރިކަމުގެ މުޅިން އެހެން މިސްރާބަކަށް އަޅުގަނޑުމެންނަށް ދެވޭނެ. އަޅުގަނޑު މިހާރު ވަނީ ކެބިނެޓުގައި ކަރުދާސް ފާސްކޮށްފައި،" ވަހީދު ވިދާޅުވިއެވެ.

ވަހީދު އިތުރަށް ވިދާޅުވީ އޮންލައިން ނޫސްތަކާއި ކުދިކުދި ނޫސްތަކަށްވެސް ބޭނުންވާ އޮފީސް ސްޕޭސް، މީޑިއާ ވިލެޖާއެކު ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މީޑިއާ ވިލެޖް ތަރައްގީކުރަނީ މީޓިންތަކާއި ނޫސްވެރިންގެ ބައްދަލުވުންތައްވެސް ބޭއްވޭ ގޮތަށްކަމަށާއި ކެފެޓީރިއާއަށް ޚާއްސަ ސަރަޙައްދަކާއި ކަސްރަތުކުރުމަށް ޖިމެއް ވެސް ހިމަނާނެ ކަމަށެވެ.

comment ކޮމެންޓް