ޔޫރޯއަށް ފަހު ކްރޫޒް ރިޓަޔާކުރަނީ

ޔޫރޯ ވެގެންދާނީ ކްރޫޒް ރަސްމީކޮށް ކުޅޭ ފަހު މުބާރާތަށް --- ފޮޓޯ/ ބާއޮ ލާއޮ ޑޮން

ޖަރުމަނުވިލާތުގެ ޤައުމީ ޓީމާއި ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރާ ތަޖްރިބާކާރު ކުޅުންތެރިޔާ ޓޯނީ ކްރޫޒް މި އަހަރުގެ ޔޫރޯ މުބާރާތަށް ފަހު ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފިއެވެ.

އުމުރުން 34 އަހަރުގެ ކްރޫޒް ވަނީ މީގެ ކުރިން 2021 ވަނަ އަހަރުގެ ޖުލައި މަހު ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފައެވެ. ނަމަވެސް، އޭނާ ވަނީ ޖަރުމަނު ޓީމުގެ މިހާރުގެ ކޯޗު ޖޫލިއަން ނާގެލްސްމަންއާ މަޝްވަރާ ކުރުމަށް ފަހު އެ ނިންމުން މި އަހަރުގެ ފެބްރުއަރީ މަހު ބަދަލުކޮށް ޤައުމީ ޓީމަށް އަލުން ކުޅެން ފަށައިފައެވެ.

ކްރޫޒް ވަނީ 2014 ވަނަ އަހަރު ރެއާލަށް ބަދަލުވެ، ކާމިޔާބު އަހަރުތަކެއް އެ ކުލަބްގައި ހޭދަކޮށްފައެވެ. މިގޮތުން ސްޕެނިޝް ލަލީގާގެ ތަށި ހަތަރު ފަހަރު ކާމިޔާބުކުރުމުގެ އިތުރުން ޗެމްޕިއަން ލީގުގެ ތަށި ވެސް ވަނީ ހަތަރު ފަހަރު ކާމިޔަބުކޮށްފައެވެ. ކުރޫޒް ވަނީ ޖަރުމަނު ޤައުމީ ޓީމާ އެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ކުރޫޒް ބުނީ، އޭނާ ބޭނުންވީ އެންމެ މަތީ ފެންވަރުގައި ކުޅެމުން ފުޓްބޯޅައާ ދުރައްދާން ކަމަށެވެ. އަދި، އޭނާ ކުޅުން ހުއްޓާލަން ނިންމީ ހިތްހަމަޖެހި އުފަލުން ހުރެ އެ ކަމަށް ރަނގަޅު ވަގުތުގައި ކަމަށް އޭނާ ބުންޏެވެ.

ކްރޫޒް ކުޅެން ފަށާފައިވަނީ 2007 ވަނަ އަހަރު އުމުރުން 17 އަހަރުގައި ބުންޑަސްލީގާގެ ބަޔާން މިޔުނިކުންނެވެ. އޭނާ ވަނީ ބަޔާނާ އެކު ބުންޑެސްލީގާގެ ތަށި ތިން ފަހަރު ކާމިޔާބުކޮށްފައެވެ. އަދި، 2013 ވަނަ އަހަރު ބަޔާނާ އެކު ޗެމްޕިއަންސް ލީގު ވެސް އޭނާ ކާމިޔާބުކޮށްފައިވެއެވެ.

ކްރޫޒް ބުނީ، އޭނާ ރެއާލަށް ސޮއިކުރި ދުވަހުން ފެށިގެން އޭނާ ކުޅުންތެރިއެއްގެ ގޮތުގެ އިތުރުން އިންސާނެއްގެ ގޮތުގައި ވެސް ދިރިއުޅުން މުޅިން ބަދަލުވެގެންދިޔަ ކަމަށެވެ. ކުރޫޒް ރެއާލަށް ކުޅޭ ފަހު މެޗަކަށް ވާނީ ޗެމްޕިއަންސް ލީގުގެ ފައިނަލެވެ.

ރެއާލްގެ ރައީސް ޕްލޮރެންޓީނޯ ޕެރޭޒް ބުނީ، ޓޯނީ ކްރޫޒްއަކީ ރެއާލް ދުށް އެންމެ ކާމިޔާބު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ ކަމަށާއި ރެއާލް އަބަދު ވެސް ވެގެންދާނީ އޭނާގެ ގެއަށް ކަމަށެވެ.

comment ކޮމެންޓް