މެލޭޝިއާއިން ޑީސަލް ސަބްސިޑީ ކުޑަކުރަނީ

މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް -- ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މެލޭޝިއާއިން ޑީސަލް ސަބްސިޑީ ކުޑަކުރަން ނިންމައިފިއެވެ.

މިއީ އަހަރަކު ގާތްގަނޑަކަށް ހަތަރު ބިލިއަން ރިންގިޓް ނުވަތަ 852 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމެއް ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވިއެވެ.

ސަބްސިޑީ ކުޑަކުރަން ފަށާނެ ވަކި ތާރީޚެއް މެލޭޝިއާ ސަރުކާރުން ހާމަކޮށްފައެއްނުވެއެވެ.

އަންވަރު ވަނީ ބްލެންކެޓް ސަބްސިޑީތަކުން ދުރަށް ގޮސް މައިގަނޑު ގޮތެއްގައި އާމްދަނީ ދަށް ގްރޫޕްތަކަށް އެހީތެރިވާ ޓާގެޓް ސިސްޓަމަކަށް ބަދަލުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވައުދުވެވަޑައިގެންފައެވެ.

މެލޭޝިޔާއިން ކެއްކުމަށް ބޭނުންކުރާ ތެލާއި ކުކުޅު ބިސް ފަދަ ތަކެއްޗަށް ސަބްސިޑީ ދޭ ނަމަވެސް ފާއިތުވި އަހަރުތަކުގައި ތަކެތީގެ އަގު އުފުލެމުންދާތީ، އެ ހަރަދު ކުރުން ސަރުކާރުގެ ބަޖެޓަށް ވަނީ ނުކުޅެދިފައެވެ.

މެލޭޝިއާއިން ސަބްސިޑީއާއި އިޖުތިމާއީ އެހީއަށް މި އަހަރު 52.8 ބިލިއަން ރިންގިޓް ހަރަދުކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، 2023 ވަނަ އަހަރު 64.2 ބިލިއަން ރިންގިޓް ހޭދަކޮށްފައިވެއެވެ.

ޑިސެމްބަރު މަހުން ފެށިގެން ސިވިލް ސާވަންޓުންގެ މުސާރަ 13 އިންސައްތައަށް ބޮޑުކުރާނެ ކަމަށް ވެސް މި މަހު އަންވަރު ވަނީ އިއުލާންކޮށްފައެވެ. އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ޕްރޮގްރެސިވް ވޭޖް ޕޮލިސީއަކާއި އެހެނިހެން ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ވަނީ ވައުދުވެވަޑައިގެންފައެވެ.

މެލޭޝިއާގެ މަރުކަޒީ ބޭންކުން ލަފާކުރާ ގޮތުގައި މި އަހަރުގެ ހެޑްލައިން އިންފްލޭޝަން ދެ އިންސައްތައާއި 3.5 އިންސައްތައަށް އުފުލޭނެއެވެ. މިދިޔަ އަހަރު ހެޑްލައިން އިންފްލޭޝަން ހުރީ 2.5 އިންސައްތައިގައެވެ.

މެލޭޝިއާގެ އިގްތިސާދީ ދުވެލި މިދިޔަ އަހަރު ވަނީ 3.7 އަށް ކުރިއަރައިފައެވެ.

comment ކޮމެންޓް