އެސްއެސްމީޑިއާ މުވައްޒަފުން އާޓިފިޝަލް އިންޓެލިޖަންސަށް ހޭލުންތެރިކުރުވުމަށް ސެޝަނެއް ބާއްވައިފި

އެސްއެސް މީޑިއާގެ މުވައްޒަފުން އާޓިފިޝަލް އިންޓެލިޖެންސް (އޭއި)ގެ ދާއިރާއަށް ހޭލުންތެރިކުރުވުމުގެ ގޮތުން ޚާއްސަ ސެޝަނެއް މިއަދު ބާއްވައިފިއެވެ.

މި ސެޝަން މުވައްޒަފުންނަށް ނަންގަވައިދެއްވީ ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާގެ ތަޖުރިބާކާރެއްކަމުގައިވާ ނަގީތު ޢަބްދުﷲއެވެ.

އެސްއެސްޓީވީގެ ސްޓޫޑިއޯގައި ކުރިއަަށްދިޔަ މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލައިފައިވަނީ އޭއައިގެ މުހިއްމުކަމާއި ދިރިއުޅުމަށާއި ޕްރޮފެޝަނަލް މަސައްކަތުގައި އޭއައި ޓޫލްތައް ބޭނުންކުރެވިދާނެ ގޮތްތަކުގެ މައްޗަށެވެ.

މި ސެޝަންގައި އޭއައި ޓޫލްތައް ތަޢާރަފްކޮށްދިނުމާއި އެ ޓޫލްތަކުން އިދާރީ، ފަންނީ އަދި އުފެއްދުންތެރި މަސައްކަތްތައް ފަސޭހަކޮށްދީ ލުއިކޮށްދޭނެ ގޮތްތައް ކިޔައިދެވުނެވެ.

އަދި އޭއައި ބޭނުންކޮށްގެން މަޢުލޫމާތު ހޯދުމަށް ޕްރޮމްޕްޓް ބޭނުންކުރާނެ ގޮތްތައް ވެސް ބުނެދީފައިވެއެވެ.

"ވަރަށް ގިނަ އާ މައުލޫމާތު ދަސްވި. އޭއައި ޖެނެރޭޓަރެއްގައި ޕްރޮމްޕްޓް ލިޔާނެ ގޮތާއި ސަމާލުކަން ދޭންވީ ކަންކަން ވެސް އެނގުނު. މިހާރު މަސައްކަތްތަކުގައި އެފިޝެންސީ އާއި ސްމާޓްކަން އިސްކުރާނެ ގޮތްތައް މުހިންމީ،" ސެޝަންގައި ބައިވެރިވި މުވައްޒަފަކު ބުންޏެވެ.

އާޓިފިޝަލް އިންޓެލިޖަންސަކީ އިންސާނުންގެ ވިސްނުމުގައި ހުންނަ ގާބިލްކަމާއި ސިފަތައް ދެނެގަނެ، ކޮމްޕިއުޓަރު އަލްގޮރިދަމްތައް މެދުވެރިކޮށް އެތައް ގުނައެއް އަވަހަށް މަސައްކަތްކުރުމުގެ ގާބިލްކަން ސިސްޓަމްތަކުގައި ގާއިމްކުރެވުމެވެ.

މިއީ މިއަދުގެ ދުނިޔޭގައި ފުޅާ ދާއިރާއެއްގައި އެކި ބޭނުންތަކަށް ބޭނުންކުރާ ވަސީލަތެކެވެ.

comment ކޮމެންޓް