އައިއޯޓީސީ: އެތައް އަހަރެއްގެ މަޝްވަރާއަށް ފަހު، އޮޔާދާ ކަނޑުފަތި މެނޭޖްކުރަން ފާސްކޮށްފި

އައިއޯޓީސީގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ބޭފުޅުން -- ފިޝަރީޒް މިނިސްޓްރީ

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ 28 ވަނަ އަހަރީ ބައްދަލުވުމުގައި ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ އިންޑިއާ ކަނޑުގައި ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުތަކުން ބޭނުންކުރާ އޮޔާދާ ކަނދުފަތި (ޑްރިފްޓިން ފިޝް އެގްރިގޭޓިން ޑިވައިސަސް) ބޭނުންކުރުން މެނޭޖްކުރާނެ ޤަރާރެއް ފާސްކުރެވުން ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފިއެވެ.

މި މަހުގެ 13 އިން 17 އަށް ތައިލެންޑްގައި ބޭއްވި އައިއޯޓީސީގެ އަހަރީ ބައްދަލުވުމުގައި ރާއްޖޭން ވެސް ބައިވެރިވިއެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ، މި އަހަރުގެ ބައްދަލުވުމުގައި ވެސް ކަނޑުމަހުގެ އާބާދީ ބަލަހައްޓައި ދެމެހެއްޓުމަށް ރާއްޖެއިން ބާރުއަޅާފައިވާ ކަމަށެވެ.

އެ ގޮތުން ފާސްކުރި، އޮޔާދާ ކަނދުފަތީގެ ޤަރާރުގެ ސަބަބުން ފުރަތަމަ ފަހަރަށް އިންޑިއާ ކަނޑުގައި ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުތަކުން ބޭނުންކުރާ އޮޔާދާ ކަނދުފަތީގެ ދަފުތަރެއް ގާއިމުކުރެވި މި ސަރަހައްދުގައި ބޭނުންކުރާ އޮޔާދާ ކަނދުފަތީގެ އަދަދު މޮނިޓާކުރަން ފެށޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުތަކުން ކޮންމެ އުޅަނދަކަށް ދޫކުރެވޭނެ އޮޔާދާ ކަނދުފަތީގެ އަދަދުތަށް މަދުކޮށް އެ ކަމަށް ހަމައެއް ކަނޑައަޅައި، މިފަދަ އުޅަނދުތަކުން މަސްވެރިކަމުގެ އެފިޝަންސީ އިތުރުކުރުމަށް ބޭނުންކުރާ ސަޕްލައި އުޅަނދުތަކުގެ އަދަދު މަދުކޮށް، އިންޑިއާ ކަނޑުގައި އޮޔާދާ ކަނދުފަތި ބޭނުންކުރާ ގޮތް ބެލެހެއްޓޭނެ ޚާއްސަ ފިޔަވަޅުތަކަކަށް އެއްބަސްވެވިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ބޮޑުދަލުގެ މަސްވެރިކަމަކީ ކުދި ރީނދޫއުރަހަ ގިނައިން ބާނާ މަސްވެރިކަމެކެވެ. ފިޝަރީޒް މިނިސްޓްރީން ބުނާ ގޮތުގައި އިންޑިއާ ކަނޑުގެ ރީނދޫއުރަހަ ކަންނެލީގެ އާބާދީވަނީ ވަރަށް ދަށްވެފައެވެ. އެ ގޮތުން، މި ފަދަ ދަނޑިވަޅެއްގައި މި ޤަރާރު ފާސްކޮށް، އެއަށް އަމަލުކުރަން ފެށުން ވެގެންދާނީ ރީނދޫއުރަހަ ކަންނެލީގެ އާބާދީ ރަނގަޅު ހާލަތަކަށް ގެނައުމަށް ލިބޭނެ ވަރަށް ބޮޑު އެހީއަކަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ 28 ވަނަ އަހަރީ ބައްދަލުވުން -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

މި ޤަރާރު ފާސްކުރީ ދެކުނު އެފްރިކާ، އިންޑޮނީޝިއާ، ޕާކިސްތާން، ޔޫރަޕިއަން ޔޫނިއަން، ދެނުކު ކޮރެއާ، މޮރިޝަސް އަދި ސީޝެލްސްއިން އެއްކޮށް މަސައްކަތްކޮށް، ރާއްޖެއިން ގައުމުތަކުގެ މެދުގައި ފެސިލިޓޭޓްކޮށްގެންނެވެ. މިއީ ބައްދަލުވުމުގައި ހާސިލްކުރެވުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، ކަޅުބިލަމަހުގެ މަސްވެރިކަން މެނޭޖްކުރުމަށް މެނޭޖްމެންޓް ޕްރޮސީޖާއަކަށް އެއްބަސްވެވުމަކީ ވެސް މި އަހަރުގެ ބައްދަލުވުމުން ހާސިލްކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.

ޔޫރިޕިއަން ޔޫނިއަންއާއި ރާއްޖެއިން ސްޕޮންސާކޮށްގެން ހުށަހެޅި މި ހުށަހެޅުމަކީ އެތައް އަހަރެއްގެ މަސައްކަތަށް ފަހު ސަރަހައްދުގެ ކަމާބެހޭ ސައިންސްޓިސްޓުންނަށް އެއްބަސްވެވިގެން، ކަޅުބިލަމަހުގެ އާބާދީ ދަށަށްނުދާނޭ ފަދަ މަސްވެރިކަމުގެ ހަމަތަކެއް ކަނޑައެޅުމަށް ބާރު ލިއްބައިދޭނެ މުހިންމު ވަސީލަތަކަށް ވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުވުމުގައި، އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކޮށް ބެލެހެއްޓުމަށްޓަކައި ވެސް މުހިންމު ޤަރާރުތަކެއް ފާސްކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. އެ ގޮތުން، މި އަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަ ގައުމަކުން 24 ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، މީގެ ތެރެއިން 16 ހުށަހެޅުމެއް އައިއޯޓީސީގެ މެންބަރު 30 ގައުމުގެ އިއްތިފާގުންވަނީ ފާސްކޮށްފައެވެ.

އެ ގޮތުން، ދެކުނު ކޮރެއާއާއި ރާއްޖެއިން ގުޅިގެން އައިއޯޓީސީން މިހާރު އަމަލުކުރަމުންދާ ކްލައިމެޓް ޗޭންޖާ ބެހޭ ޤަރާރަށް އިތުރު އިސްލާހެއް ގެނެސް އެ ޤަރާރު އިތުރަށް ވަރުގަދަކުރުމަށް ހުށަހެޅި ޕްރޮޕޯސަލް ވެސް މި އަހަރީ ބައްދަލުވުމުގައި ފާސްކޮށްފައިވެއެވެ.

މީގެ ނަތީޖާއެއްގެ ގޮތުން މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަނޑުމަހުގެ މަސްވެރިކަމަށް ކޮށްފާނެ އަސަރުތަކަށް ދެނެގަތުމަށް އައިއޯޓީސީގެ ސައިންޓިފިކް ކޮމިޓީގެ ކޮންމެ އަހަރެއްގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް އެޖެންޑާކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުމަހުގެ އަބާދީއަށް ކޮށްފާނެ އަސަރުތަށް ދެނެގަތުމަށް ދިރާސާކުރުމަށް އިތުރަށް ބާރުއެޅިގެން ދިއުމަކީ ވެސް މި ޕްރޮޕޯސަލް ހުށަހެޅުމުގެ މަޤުސަދެއް ކަމަށް ބުނެފައިވެއެވެ.

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ 28 ވަނަ އަހަރީ ބައްދަލުވުން -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

ނަމަވެސް، އިންޑިއާ ކަނޑުގެ މިޔަރުގެ އަބާދީ މެނޭޖްކޮށް ބެލެހެއްޓުމަށް ދިވެހިރާއްޖެއާއި ޕާކިސްތާނާ ގުޅިގެން ހުށަހެޅި ހުށަހެޅުން މި އަހަރުގެ ބައްދަލުވުމުގައި ހުރިހާ މެންބަރު ގައުމުތަކުގެ އެއްބަސްވުން ލިބިފައިނުވާތީ ފާސްވެފައެއް ނުވެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މި ހުށަހެޅުމުގެ ބޭނުމަކީ މަސްވެރިކަމުގައި ބޭނޭ މިޔަރުގެ އުރަހަ އެއްގަމަށް ގެނެސް ކިރުވަންދެން އޭގެ ހަށިގަނޑުން ވަކިކުރުން މަނާކުރުން ކަމަށެވެ. މި ހުށަހެޅުމުގެ ބޭނުމަކީ މިޔަރުގެ އުރަހަ ހަށިގަނޑުން ވަކިކޮށްފައި ހުންނައިރު އެ މިޔަރުގެ ބާވަތް ދެނެގަތުމަށް އުނދަގޫވުމާއި އެހެނިހެން ސަރަޙައްދީ ޖަމްއިއްޔާތަކުގައި މިޔަރު އާބާދީގެ މައުލޫމާތު ފުރިހަމަކުރުމަށް ބޭނުންކުރާ މި ހަމައަކީ ދުނިޔެ ގަބޫލުކުރާ އެންމެ ރަނގަޅު ޕްރެކްޓިސް ކަމަށްވާތީއެވެ.

އައިއޯޓީސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބަލަހައްޓާ ސަރަހައްދީ ޖަމިއްޔާއެވެ. އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތަކުގެ އިތުރުން އިންޑިއާ ކަނޑުގައި މަސްވެރިކަންކުރާ ގައުމުތައް ހިމެނޭހެން 29 ގައުމަކުން މި ޖަމިއްޔާގައި ބައިވެރިވެއެވެ. ރާއްޖެއިން އައިއޯޓީސީގެ މެންބަރަކަށްވީ 2011 ގައެވެ.

comment ކޮމެންޓް