ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްތަފާއަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީންގެ މައްޗަށް ހުކުމްކޮށްފިއެވެ.
މި މައްސަލަ މުސްތަފާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅީ، އަކްރަމް އޭނާގެ އަތުން ފައިސާ ނެގުމަށް ފަހު، އެ ފައިސާ އަނބުރާ ދެއްކުމުގެ ގޮތުން ދިން ޗެކުތަކަށް ފައިސާ ލިބިފައިނުވާ ކަމަށް ބުނެއެވެ.
މި މައްސަލައިގެ ދައުވާ ފޯމުގައި ބުނެފައިވަނީ މުސްތަފާގެ އަތުން އަކްރަމް 1.7 މިލިއަން ރުފިޔާ އަނބުރާ ދައްކާ ގޮތަށް ނަގާފައިވާ ކަމަށެވެ. އެ ގޮތުން، މުސްތަފާގެ އަތުން އަކްރަމް ނަގާފައިވަނީ 400،000 ރުފިޔާއާއި 50،0000 ޔޫއެސް ޑޮލަރެވެ.
މި މައްސަލައިގެ ދައުވާގައި މުސްތަފާ އެދިފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އަކްރަމްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން 1.15 މިލިއަން ރުފިޔާގެ ޗެކަކާއި، 300،000 ރުފިޔާގެ ޗެކަކާއި، 200،000 ރުފިޔާގެ ޗެކެއް އަދި 60،000 ރުފިޔާގެ ޗެކެއް ހޯދުމަށެވެ. އަދި، ޝަރީއަތަށް މައްސަލަ ހުށަހަޅަންޖެހުމާ ގުޅިގެން ޚަރަދުވީ 100،000 ރުފިޔާއާ އެކު، ޖުމްލަ 1.8 މިލިއަން ރުފިޔާ އެއް ފަހަރާ އަކްރަމްގެ އަތުން ނަގައިދިނުމަށް މުސްތަފާ ވަނީ ސިވިލް ކޯޓުގައި އެދިފައެވެ.
މި މައްސަލައިގައި މުސްތަފާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 400،000 ރުފިޔާ އަނބުރައި ރައްދުކޮށްފައިވާ ކަމަށް އަކްރަމްގެ ފަރާތުން ހުށަހެޅި ބަޔާނުގައިވެއެވެ. ނަމަވެސް، އެ ކަމަށް ހެއްކެއް ނެތް ކަމަށް އޭނާގެ ބަޔާނުގައިވެއެވެ. ހެކިވެރިއެއްގެ ކުރިމަތީގައި އެ ފައިސާ އަނބުރާ ރައްދުކުރިއިރު، ހެކިވެރިޔާގެ ކުރިމަތީގައި ދިން ފައިސާގެ އަދަދަކީ 200،000 ރުފިޔާކަން ސާބިތުވާ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.
ޝަރީއަތަށް މި މައްސަލަ ހުށަހެޅުމަށް މުސްތަފާގެ އަތުން ޚަރަދުވީ 100،000 ރުފިޔާ ވެސް އަކްރަމްގެ އަތުން ނަގައިދިނުމަށް އޭނާ އެދުނުއިރު، އެ ޚަރަދުގެ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާތީ ކޯޓުން ނިންމީ އެ ފައިސާ ނަގައިދެވޭނެ ތަނެއް ނެތް ކަމަށެވެ.
އެހެންވެ، ކޯޓުން އަކްރަމްގެ މައްޗަށް ހުކުމްކޮށްފައިވަނީ މުސްތަފާއަށް އޭނާ އަނބުރައި ދޭންޖެހޭ 400،000 ރުފިޔާއާއި 50،000 ޑޮލަރު، ޖުލައި މަހުގެ 19ގެ ކުރިން ސިވިލް ކޯޓަށް ދައްކައި، ދަރަނި ޚަލާސްކުރުމަށެވެ.