ސަރުކާރުގެ ސިޔާސަތުގެ ދަށުން, ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން ކުރެވޭ މަސައްކަތްތަކާއި, ގެނެވޭ ބަދަލުތަކުގެ ނަތީޖާއަކަށް ވާނީ, ތަރިކަ އަކީ ދިވެހީން އެއާއެކީ ދިރިއުޅޭ އެއްޗަކަށްވެ, ދިވެހީންގެ ދިރިއުޅުމުގެ ބަޔަކަށް ތަރިކަވުން ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މި އަހަރުގެ ބައިނަލްއަޤްވާމީ ދާރުލްއާސާރު ދުވަސް ފާހަގަ ކުރުމަށް ޤައުމީ ދާރުލްއާސާރުގައި ރޭ ބޭއްވި ދަރެހެއްގައެވެ.
ވަޒީރުގެ ވާހަކައިގައި ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ދިވެހީންގެ ދިރިއުޅުމުގެ ބަޔަކަށް އަދި ތަރިކަވެގެންދާނެ ކަމަށެވެ.
ރޭގެ ދަރެހަކީ ޤައުމީ ދާރުލްއާސާރާއި އާކިޓެކްޓް އެސޯސިއޭޝަން މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ދަރިވަރުންނާއި، އޮޑިމޯ، އެޓޯލްސްކޭޕް އަދި ޑޮސައިން ގުޅިގެން އިންތިޒާމުކުރި ދަރެހެއް ކަމަށް ތަރިކައާބެހޭ ވުޒާރާއިން ބުނެއެވެ.
އެ ވުޒާރާއިން ބުނީ މި ދަރެހުގައި ވަނީ އިހުގައި ބޭނުން ކުރެވުނު ގޮނޑިތަކުގެ ތާރީޚާއި ވައްޓަފާޅިއަށް ޢިލްމީ ނަޒަރަކުން އަލިއަޅުވާލައިފައި ކަމަށެވެ.
އަދި ދިވެހިރާއްޖޭގައި އިހުގައި ބޭނުންކޮށް އުޅުނު އާކިޓެކްޗާއާއި ވަޑާމުގެ އުކުޅުތަކަށް ފަންނީ ގޮތުން އަލިއަޅުވާލި ކަމަށް ވެސް ބުނެފައިވެއެވެ.
މި ދަރެހުގެ އިތުރުން ބައިނަލްއަޤްވާމީ ދާރުލްއާސާރު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޤައުމީ ދާރުލްއާސާރުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަންތައްތަކުގެތެރެއިން، ދާރުލްއާސާރު ހުޅުވާފައި ހުންނަ ގަޑިތަކަށް ވަނީ ބަދަލު ގެނެސްފައެވެ.
އެގޮތުން، މި މޭ މަހުގެ 19 އިން 23 އާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:15 އިން އިރުއޮއްސި 06:00 އަށް ދާރުލްއާސާރު ހުޅުވިފައި ހުންނާނެ ކަމަށް ތަރިކައާބެހޭ ވުޒާރާއިން ބުނެއެވެ. އަދި މި މުއްދަތުގައި ޤައުމީ ދާރުލްއާސާރުގައި އިތުރު އިންޓަރެކްޓިވް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރާވާފައެވެ.
މި އަހަރުގެ ބައިނަލްއަޤްވާމީ ދާރުލްއާސާރު ދުވަހުގެ ޝިޢާރެއްގެގޮތުގައި ކަނޑައަޅައިފައި ވަނީ “ތަޢުލީމާއި ދިރާސާއަށްޓަކައި ދާރުލްއާސާރު" މި ޝިޢާރެވެ.
މި ޝިޢާރުގެ މަގުސަދަކީ ދާރުލްއާސާރުތަކުގެ ތެރެއިން އިލްމު އުނގެނެވޭނެ ގޮތްތައް ހޯދުމާއި އެކަމަށް ހިތްވަރު ދިނުމެވެ.