ވަޔާއި ކަނޑާ ވަރަށް ގަދަ: ބޮޑު ބަޔަކަށް މިއަދު ވެސް ރީނދޫ ސަމާލު

ކަނޑު ގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކުރަނީ: ވަޔާއި ކަނޑާ މިއަދު ވެސް ވަރަށް ގަދަ -- ފޮޓޯ/ އެމްއެންޑީއެފް

ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު މިއަދު ވެސް ނެރެފިއެވެ.

ރީނދޫ ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު ހެނދުނު 10:30އިން މެންދުރުފަހު 14:30ގެ ނިޔަލަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާ އެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާ ކަމަށެވެ.

ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރެއެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަށް ވައިދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

އާންމު ގޮތެއްގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ ހަ ފޫޓާއި ނުވަ ފޫޓާ ދެމެދުގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ހަފުތާގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކޮންމެ ދުވަހަކުހެން ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ، ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައް ގަދަވެ، އުދަ ވެސް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެން ކަމުން ހުރިހާ އެންމެން ވެސް، އަދި ވަކިން ޚާއްސަކޮށް، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެއެވެ.

ހުޅަނގު މޫސުން ފެށި ކޮންމެ އަހަރެއްގެ ވެސް މެއި ޖޫން އަދި ޖުލައިމަހަކީ ރާއްޖެއަށް މޫސުން ގޯސްވާ ދުވަސްވަރެކެވެ. އެހެންކަމުން މޫސުން ގޯސްވުމާ ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ބަޔާންކޮށް އެންޑީއެމްއޭއިން ވެސް ވަނީ އިރުޝާދުތަކެއް ނެރެފައެވެ.

ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަަށް ލަފާކުރެވޭނަމަ ކުރިއާލާ ވާ ފަދަ އެއްޗެހި ބޭނުންކޮށްގެން ފުރާޅު އެއްލާނުލާ ގޮތަކަށް ހައްޔަރުކުރުމާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަނީ އިރުޝާދު ދީފައެވެ.

comment ކޮމެންޓް