ރާއްޖޭގެ ކުޅިވަރުގެ ރާސްތާ މިހާރު ބަދަލުވެއްޖެ ކަމަށާއި އެތުލީޓުން ތަމިރީނު ކުރުމާއި އެހެނިހެން ކަންކަމުގައި އެހީތައް ފޯރުކޮށްދޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެއެވެ.
އޮލިމްޕިކްސްއަށް ކޮލިފައިވުމުގެ ޝަރަފު ރާއްޖޭން ފުރަތަމަ ފަހަރަށް ހޯދި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ ޢަލީއަށް މަރުހަބާ ކިއުމަށް މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، ރާއްޖޭގައި ކުޅިވަރު ކުރިއަރުވާނެ ލޯންގް ޓާމް ޕްލޭނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލާފައިވާ ކަމަށެވެ.
އެގޮތުން، މި ޕްލޭންގެ ދަށުން އެތުލީޓުންނަށް ބޭނުންވާ ކަންކަން ކޮށްދީ ސްކޮލާޝިޕްގެ ފުރުސަތުތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"...ތިޔަ އެތުލީޓުންނަށް ބޭނުންވާ ސާވިސްތަކަށް ބަލިވީމައި ޓްރީޓްމަންޓެއް ވިއަސް، ކެއުމުގެ ކަންކަން ބަހައްޓަން ވާނޭ ގޮތް ވިއަސް، އަދި މެންޓާލިޓީ މީހާގެ ވަރުގަދަ ކުރަން ބޭނުންވާ ކަމުގައި ވިއަސް އަދި ފިޓްނަސް ރަނގަޅުކުރުން ކަމުގައި ވިއަސް އެކަންކަމަށް ބޭނުންވާ ހާއްސަ މީހުން ތަމުރީނުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން މި އުޅެނީ،" އޭނާ ވިދާޅުވިއެވެ.
މިއީ އެތުލީޓުން މިހާރު ތިބި ލެވެލްއަށް ވުރެ އުސް ލެވެލްއަކަށް ގެންދިއުމަށް ކުރާ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދީމާގެ ކާމިޔާބީ ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އެއީ ގިނަ ދުވަހާއި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. މި ކާމިޔާބީގެ ފަހަތުގައި ވަނީ ދީމާގެ މައިންބަފައިންކަން ފާހަގަކޮށް މިނިސްޓަރު ވަނީ ދީމާގެ މައިންބަފައިންނަށް ޝުކުރުއަދާކޮށްފައެވެ.
މީގެ އިތުރުން، ޓީޓީ ޓީމުން ކުރާ މަސައްކަތް ވެސް މިނިސްޓަރު ވަނީ ފާހަގަކޮށްފައެވެ.
ދީމާގެ ކާމިޔާބީއަށް މަރުހަބާ ކިޔާ، އޮލިމްޕިކްސްއަށް މުބާރާތުގައި ވާދަކުރުމަށާއި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ސަރުކާރުން ދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.
މި އަހަރުގެ އޮލިމްޕިކްސްގައި 206 ގައުމެއް ބައިވެރިވާއިރު، އެ މުބާރާތް ކުރިއަށްދާނީ ފްރާންސުގެ ޕެރިހުގައި ޖުލައި 26އިން އޮގަސްޓް 11އަށެވެ.