ޓެކްނޮލޮޖީގެ ލިޔަންކިޔަން ނުދަތުން ނައްތާލަންޖެހޭ: އާދަމް ޝަރީފް

ލޯކަލް ގަވަރުމަންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރު: އޭނާ ވަނީ ޓެކްނޮލޮޖީގެ ލިޔަންކިޔަން ނުދަތުން ރާއްޖެއިން ނައްތާލަންޖެހޭ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ މިނިސްޓްރީ

ރާއްޖޭގައި 1980ގެ އަހަރުތަކުގައި ލިޔަންކިޔަން ނުދަތުން ނައްތާލި ފަދައިން، ޓެކްނޮލިޖީގެ ލިޔަންކިޔަން ނުދަތުން ވެސް ނައްތާލުމަށް ޑިޖިޓަލް ލިޓެރަސީ ޕްރޮގްރާމްތައް ރާއްޖޭގައި ހިންގުން މުހިންމު ކަމަށް މިނިސްޓަރު އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ، ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބެއްގައެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ ގައުމަކަށް މުއާސަލާތީ ވަސީލަތްތަކުގެ ތެރެއިން އީޖާދީ ގޮތްތަކަށް ދެމެހެއްޓެނިވި ތަރައްގީ ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، ގައުމުތައް ކުރިއެރުމަށް އެންމެ މުހިންމު ވަސީލަތަކީ ވެސް ޓެކްނޮލިޖީކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމެއް ވިއަސް، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ހުރި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

އާބާދީ މަދުވުމުގެ ސަބަބުން ދިމާވާ ގޮންޖެހުމަކީ ތަރައްގީއަށް ހުރި ހުރަހެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ ރަށްތަކުގެ އެކަހެރިކަން ކުޑަކުރުމަށް އިޖާދީ ގޮތްތަކަށް ޓެކްނޮލޮޖީގެ ބޭނުން ވަރަށް ރަނގަޅަށް ހިފަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު ވަރަށް ގިނަ ކަންކަން މި ކުރަނީ ޑިޖިޓަލްކޮށް. އަޅުގަނޑުމެން މިހާރު އާންމުކޮށް ނޫސް ކިޔަނީ އޮންލައިން ކޮށް. ފެނާއި ކަރަންޓާ ފޯނު ފަދަ ޚިދުމަތްތައް މިހާރު ގެއަށް ބިލެއް ނާދޭ. ސަރުކާރުންދޭ ގިނަ ޚިދުމަތްތައް މިހާރު ހޯދަނީ ޕޯޓަލެއެއް މެދުވެރިކޮށް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، އިސްސާނީ ސިކުނޑިން ނޫނީ ނުކުރެވޭނެ ކަމަށް ހީކުރި އެތައް ކަމެއް އާޓިފިޝަލް އިންޓެލިޖެންސްއިން މިހާރު ކުރާކަމަށެވެ. އެހެންކަމުން، މުޖުތަމައުގެ ކޮންމެ ފަރުދަކީ ވެސް ޓެކްނޮލޮޖީއަށް އަހުލުވެރި ވެފައިވާ މީހަކަށް ވާން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މަގުތައް ޒުވާން ޖީލުތަކެކޭ އެއްފަދައިން ދޮށީ އުމުރުގެ މީހުންނާއިި ހުރިހާ ގިންތިއެއްގެ މީހުންނަށް ފަހި ވާންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ކަންކަމާ ގުޅޭ ގޮތުން ރާއްޖޭގެ މުއާސަލާތީ ޚިދުމަތާ ބެހޭ ސިޔާސަތު އެކުލަވައިލުމަށްޓަކައި ދާއިރާގެ ތަޖުރިބާކާރުންނާ މަޝްވަރާކުރަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ސިޔާސަތު ވަރަށް އަވަހަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަމައަށް ގެންދަވާނެ ކަމަށެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހުގެ ގޮތުގައި މޭ 17 ފާހަގަކުރަން ފަށާފައިވަނީ 1969 ވަނަ އަހަރެވެ.

comment ކޮމެންޓް