އިންޑިއާގެ ޖަލެއްގައި ފަސް އަހަރު ވަންދެން ހުރި ކަޝްމީރުގެ ނޫސްވެރިއަކު ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.
އޭނާގެ މައްޗަށް ހިނގަމުންދަނީ ޓެރަރިޒަމްގެ މައްސަލައެކެވެ. މިހާރު ބަންދުކޮށްފައިވާ މަޖައްލާއެއްގެ ރިޕޯޓަރެއް ކަމަށްވާ އާސިފް ސުލްތާން އެންމެ ފުރަތަމަ ހައްޔަރުކުރީ ހަނގުރާމަވެރިންނަށް އެހީވެދޭކަމަށް ތުހުމަތުކޮށް 2018 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.
ހަރުކަށި ގާނޫނާ ހިލާފު ހަރަކާތްތައް ހުއްޓުވުމުގެ ގާނޫނު (ޔޫއޭޕީއޭ)ގެ ދަށުން އިތުރު ދައުވާތަކެއް އޭނާގެ މައްޗަށް އުފުލާފައިވަނީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވުމުންނެވެ.
ފެބްރުއަރީ މަހު ސުލްތާން ކުރު މުއްދަތަކަށް ކަފާލާތުގެ ދަށުން ދޫކޮށްލި ނަމަވެސް އޭގެ ދެ ދުވަސް ފަހުން އެ ގާނޫނުގެ ދަށުން އާ ދައުވާތަކެއްގައި ސުލްތާން ވަނީ އަލުން ހައްޔަރުކޮށްފައެވެ. އޭނާއާ ގާތްތިމާގެ މީހަކާއި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ)އިން ބުނީ މި ހަފުތާގައި އަނެއްކާ ވެސް ސުލްތާން ދޫކޮށްލާފައިވާ ކަމަށެވެ.
"މިއަދު އެނބުރި ގެއަށް އައި ނަމަވެސް ކަފާލާތުގެ ޝަރުތުތައް ވަރަށް ހަރުކަށި. އާއިލާއިން ބޭރުގެ އެއްވެސް މީހަކާ ވާހަކަދެއްކުން ގާތްގަނޑަކަށް އޮތީ މަނާކޮށްފައި،" ސުލްތާނުގެ ގާތްތިމާގެ މީހާ އޭއެފްޕީ ނޫހަށް ބުންޏެވެ.
ކަޝްމީރުން ބޭރަށް ދަތުރުކުރުމާއި، ވަޓްސްއެޕް ފަދަ އެންކްރިޕްޓް ކޮމިއުނިކޭޝަން އެޕްތައް ބޭނުންކުރުމާއި، އެހެން މީހަކު އޭނާގެ ފޯނު ބޭނުންކުރުން ވެސް އޮތީ މަނާކޮށްފައެވެ. ކުރިން 1947 ވަނަ އަހަރު އިނގިރޭސި ވެރިކަމުން އިންޑިއާއާއި ޕާކިސްތާނަށް މިނިވަންކަން ލިބުނު ފަހުން އިންޑިއާއާއި ޕާކިސްތާނުގެ މެދުގައި ކަޝްމީރު އޮތީ ބައިކޮށްފައެވެ. އެ ދެ ގައުމުން ވެސް އަންނަނީ ކަޝްމީރުގެ މިލްކުވެރި ކަމަށް ދައުވާ ކުރަމުންނެވެ.
ޕާކިސްތާނުން ޓެރަރިސްޓުންނަށް އެހީތެރިވާ ކަމަށް އިންޑިއާއިން ތުހުމަތުކުރެއެވެ. ނަމަވެސް، ޕާކިސްތާނުން އެކަން ދޮގުކުރެއެވެ.