ކައިވެނި ރޫޅުނު ނަމަވެސް ދަރިންނާއި މައިންބަފައިނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ބާއްވައިދޭން އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް މިއަދު އެދިވަޑައިގެންފިއެވެ.
ބައިނަލްއަޤުވާމީ އާއީލާތަކުގެ ދުވަހާ ގުޅިގެން މިއަދު މިނިސްޓަރު ދެއްވި މެސެޖެއްގައި ވިދާޅުވީ، އެކި ސަބަބުތަކާ ހުރެ އާއިލާ ރޫޅި، ދެމަފިރިން ވަކިވާންޖެހޭ ހާލަތު ދިމާވެފައިވާ އާއިލާތަކުގައި ވެސް އެ އާއިލާތަކުގެ ކުދިންނާއި މައިނަބަފައިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރަންޖެހޭ ކަމަށެވެ.
ކޮންމެ ޢާއިލާއަކީ ވެސް އެކުގައި އުޅުނަސް، ނުވަތަ ދުރުގައި އުޅެންޖެހިފައިވީ ނަމަވެސް ޢާއިލީ ގުޅުން ދަމަހައްޓާ، އިޙުތިރާމާއި ލޯތްބާ އެކު އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކު ކަމުގައިވުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި، އޯގާތެރި މުޖުތަމައެއްގައި އެންމެ މުހިންމު ކަމަކީ ބަދަހި އާއިލާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން، ޢާއިލާތަކަކީ އަޚުވަންތަކަމާއި އެއްބަނޑު އެއްބަފާވަންތަކަން ދަމަހައްޓާ، އެކަކު އަނެކަކަށް އަޅައިލާ އޯގާތެރިވެ، އެހީތެރިވެ، ކުލުނުވެރިވެ، އެންމެން އެކުގައި ގުޅިގެން އުޅޭ ޢާއިލާތަކަކަށް ވާންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރަށް، އައިޝަތު ޝިހާމް ވިދާޅުވީ އާއިލާގެ ހަމަޖެހުމާއި އުފާވެރިކަމަކީ މުޖުތަމައުގެ ކުރިއެރުން ކަމަށެވެ. އަދި، އެއީ ޤައުމުގެ ތަރައްޤީގެ އަސްލުކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ، އެދުމަކީ 'ފުރަތަމަ އާއިލާ'އަކީ ކޮންމެ މީހެއްގެ ވެސް ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް އިސްކުރާ ސިޔާސަތަށްވުން ކަމަށް ވިދާޅުވެފައިވެއެވެ. އަދި، ކޮންމެ މީހަކީ ވެސް މައިންބަފައިނަށް އަަޅައިލާ ބަޔަކަށްވެ، ބޮޑު ބޭބެއިންނާއި ބޮޑުދައިތައިންގެ އިތުރުން، އެއްބަނޑުއެއްބަފާ ބޭބެއިން، ދައްތައިން، އަދި ކޮއްކޮއިންގެ ހާލު ބަލާ ބަޔަކަށްވުން ވެސް އެދޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ދަރިންނާއި އަނބިން އަދި ފިރިންނަށް ވަގުތު ދޭ، އެ މީހުންނާ އެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް އިސްކަންދޭ ބަޔަކަށް އެންމެންވުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
މިނިސްޓަރު ވަނީ އާއިލާތަކުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ހުރިހާ އާއިލާތަކަކަށް ވެސް އަރިސްކުރައްވައިފައެވެ.