ނިދިޖެހިލި ވަގުތު ނުކުމެގެން ދިޔަ ދަރިފުޅު ގެއްލުނީ އުމުރަށް

މީގެ ކުރިން ލ. ގަމުގައި ހިނގި ހާދިސާއެއްގައި ތުއްތު ކުއްޖަކު ވެއްޓުނު މަސް ފެންގަނޑު -- ފޮޓޯ/ ޕޮލިސް

އދ. އޮމަދޫގައި އިއްޔެ ހިނގި ހިތާމަވެރި ހާދިސާގައި މަސްފެންގަނޑަކަށް ވެއްޓި މި ދުނިޔެ ދޫކުރީ އުމުރުން އެންމެ 11 މަހުގެ ތުއްތު ކުއްޖެކެވެ.

އެ ކުއްޖާއަކީ ދެމަފިރިއެއްގެ ހުރި ދެ ދަރީންގެ ތެރެއިން ހަގު ކުއްޖާއެވެ. އެ ދެމަފިރިންގެ ތިބި ދެ ދަރީންނަކީ ވެސް ފިރިހެން ދެކުދިންނެވެ. ދޮށީ ކުއްޖާއަށް ހަތަރު އަހަރެވެ. އިއްޔެ ނިޔާވީ ހަގަށް ހުރި ކުއްޖާއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އިއްޔެގެ މެންދުރެއްހާއިރު އެ ކުއްޖާގެ މަންމަ އޮތީ އޭނާގެ ދެ ދަރީން ގޮވައިގެން އަރާމު ކޮށްލަން އޮށޯއްވެލައިގެން ކަމަށެވެ. އަދި އެހެން އޮއްވާ އޭނާއަށް ނިދި ޖެހުނު ކަމަށާއި އެ ކުއްޖާ ނުކުމެގެން ދިޔައީ އެ ވަގުތު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެގާރަ މަހުގެ ކުއްޖަކު ނުކުމެގެން ދިޔަ ގޮތެއް އަދި އަދަށް ދާންދެން ވެސް ނޭނގޭ އިރު އެ ކުއްޖާއަށް ހިނގެނީ ވެސް ކިރިޔާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

އެ ކުއްޖާ ނުކުމެގެން ގޮސް ގޯތި ތެރޭގައި ހަދާފައި ހުންނަ މަސް ފެންގަނޑަށް ވެއްޓުނީ ކިހިނެއް ކަމެއް ނޭނގެއެވެ. އެ ކުއްޖާ ފެނުނީ އެގެއަށް ބޭރުން އައި އެ ކުއްޖާގެ ބޮޑުބޭބެއަކަށެވެ.

އެ ކުއްޖާ ފެނުމާއެކު އޭނާވަނީ އެކުއްޖާގެ މަންމައަށް ވެސް ގޮވައިފައި ކަމަށާއި އަދި ކުއްޖާގެ ބައްޕައަށް ވެސް ގުޅައިފައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެކުއްޖާ ސިއްހީ މަރުކަޒަށް ގެންދެވުނީ ވެސް ބައްޕަގެ އަތްދަނޑި މަތީގައެވެ.

ސިއްހީ މަރުކަޒާ ހަވާލާދީ އޮމަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ. އަދި އެ ކުއްޖާ ސަލާމަތް ކުރެވޭތޯ ހޮސްޕިޓަލުން ގަޑިއިރެއްހާއިރު މަސައްކަތް ކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުއްޖާ ވެއްޓުނު މަސް ފެންގަނޑުގެ ދިގުމިނުގައި ހަތަރު ފޫޓު ހުންނައިރު ފުންމިނުގައި ހުންނަނީ ފޫޓެކެވެ. އެ މަސްފެންގަނޑުގައި މިހާރު ވެސް މަސް ގެންގުޅެއެވެ.

ދަރިފުޅުގެ މަރާއެކު މަންމައަށް ވެސް ލިބިފައިވަނީ ކުއްލި ޝޮކެކެވެ. އިއްޔެ ވެސް މަންމަގެ ހާލު ވަރަށް ދެރަވި ކަމަށް އެ ރަށުން ވާހަކަ ދައްކާލެވުނު މީހުން ކިޔައިދިނެވެ.

ނިދި ޖެހިލި ވަގުތު ގެއްލިގެން ދިޔައީ ލޮލުގެ ކޮއެ ފަދައިން ގެންގުޅުނު ލޯބިވާ ދަރިއެކެވެ. އެފަދަ ދަނޑިވަޅެއްގައި މައެއްގެ ހިތަށް ކުރާނެ އަސަރު ތަސައްވަރު ކޮށްލުމަކީ އުނދަގޫ ކަމެކެވެ.

comment ކޮމެންޓް