ހއ. ދިއްދުއަށް އިއްޔެ ރޭ ކުރި ވިއްސާރައިގައި ފުލެޓު ސަރަހައްދުން ފުރާޅު އެއްލައިލި ހަ ގެއަށް ވަގުތީ ހައްލެއް ގެނެސްފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.
ވިއްސާރައިގެ ސަބަބުން ދިއްދޫގެ ހަ ގެއެއްގެ ފުރާޅު އެއްލައިލި، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު މިއަދު "ސަން"އަށް ވިދާޅުވީ، ބޭނުންކޮށްފައި ހުރި ޓިނު ޖަހައިގެން އެ ގެތަކަށް ފެން ނުފައިބާގޮތަށް ވަގުތީ ގޮތުން ގެއްލުން ލިބުނު ގެތަކުގެ ފުރާޅުތައް އިމާރާތްކޮށްދީފައިވާ ކަމަށެވެ.
އެގޮތުން، އެއްބައި ގެތަކުގައި މީހުން ދިރިއުޅެން ފަށާފައިވާކަން ފާހަގަކޮށް އޭނާ ވިދާޅުވީ، އެ ގެތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިހާރު ޑިޒާސްޓާއިން އޮތީ އެކަން ކޮށްދޭނެ ކަމަށް ބުނެފައި. އެ ކަމުގެ ލިޔެކިޔުންތައް މިހާރު ކުރިއަށް ދަނީ،" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
އެގޮތުން، ގެއްލުން ލިބުނު ގެތަކުގެ ފުރާޅުގެ މަސައްކަތް މި ހަފުތާ ތެރޭގައި އަވަސްކޮށްދޭނެ ކަމަށް އެންޑީއެމްއޭއިން ބުނި ކަމަށް އޭނާ ވިދާޅުވިއެވެ.
އެންޑީއެމްއޭގެ އޮފިޝަލް ވިދާޅުވީ، ދިއްދޫގައި ގެއްލުން ލިބުނު ގެތަކުގެ ޑެމޭޖް ފޯމުތައް ކައުންސިލުން ފުރަމުން އަންނަ ކަމަށެވެ. އެގޮތުން، ގެތަކަށް ލިބުނު ގެއްލުންތައް ދެނެގަނެ، އެ ގެއްލުންތަކަށް އެހީތެރިކަން ދިނުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ހުޅަނގު މޫސުން ފެށިފައިވާ މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭ ދުވަސްވަރެކެވެ.