ވިއްސާރައިގައި ދިއްދޫގެ ހަ ގެއެެއްގެ ފުރާޅު އެއްލައިލާ، ބޮޑެތި ގެއްލުންތަކެއް

ހއ. ދިއްދޫ ފްލެޓް ސަރަހައްދުގެ ހަ ގެއެއްގެ ފުރާޅު އެއްލައިލައާފައި -- ފޮޓޯ/ ދިއްދޫ ކައުންސިލް

ހއ. ދިއްދުއަށް ރޭ ކުރި ވިއްސާރައިގައި އެ ރަށު ފުލެޓު ސަރަހައްދުގެ ހަ ގެއެއްގެ ފުރާޅު އެއްލައިލައިފިއެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ސަން"އަށް ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ރޭ ގާތްގަނޑަކަށް 04:00 އެހާކަންހާއިރު ކަމަށެވެ. މި ހާދިސާގައި ހަ ގެއެއްގެ ފުރާޅު އެއްލައިލާފައިވާއިރު އެހެން ގެތަކަށް ވެސް އެކިވަރުގެ ގެއްލުން ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ގެތަކުގައި ދިރިއުޅޭ އާއިލާތަކަށް މިހާރު ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން، ގެއްލުން ލިބުނު އާއިލާތައް މިހާރު އެ މީހުންގެ އާއިލީ ގެތަކަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ، މިއަދާއި މިރޭ މަސައްކަތް ކޮށްގެން، ގެއްލުން ލިބުނު ގެތަކުގެ ފުރާޅު އަލުން އިމާރާތްކޮށް އެ ގެތަކަށް މީހުން ވައްދަން މަސައްކަތް ކުރާކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ކޮންމެ ގެއެއްގެ ފުރާޅަށް 150،000 ރުފިޔާ ވަރު ހޭދަވާނެ ކަމަށް. ކައުންސިލާ މުއައްސަސާތައް ގުޅިގެން މިތަން މަރާމާތު މި ކުރަނީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގެތައް މަރާމާތުނުކޮށް ހުއްޓައި ގޭގެ އެހެނިހެން ފަރުނީޗަރުތަކަށް ލިބިދާނެ ގެއްލުމަށް ވެސް ވިސްނަންޖެހޭ ކަމަށެވެ. އެހެންކަމުން މަސައްކަތް ކުރާނީ ވީ އެންމެ އަވަހަކަށް ގެއްލުން ލިބުނު ގެތައް ހިޔާކުރަން ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ ރޭގެ ވަގުތެއްގައި ދިއްދުއަށް ކުރި ވިއްސާރައިގައި އެ ރަށުގެ ހަ ފްލެޓެއްގެ ފުރާޅު އެއްލައިލާފައިވާކަން ކައުންސިލުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ކައުންސިލާ ހަވާލާދީ އެންޑީއެމްއޭއިން ބުނީ، މިހާރު ކުރަނީ ޓިނުތައް ނަގައި، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކަމަށެވެ.

"ދެން ވައިގަދަ ވެއްޖެއްޔާ ވެސް ގެއްލުން ނުލިބޭނެ ވަރަށް އެހީތެރިކަން ފޯރުކޮށްދީފައި، ދެން އެސެސްމަންޓް ހަދާފައި ކައުންސިލުން ފޮނުވާނީ އަޅުގަނޑުމެންނަށް،" އެންޑީއެމްއޭގެ އޮފިޝަލް ވިދާޅުވިއެވެ.

ހުޅަނގު މޫސުން ފެށިފައިވާ މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭ ދުވަސްވަރެކެވެ. އެގޮތުން، މިއަދު މެޓް އޮފީހުން ވަނީ ހެނދުނު 05:30 އިން ހެންދުނު 10:30އަށް މުޅި ރާއްޖެއަށް ހުދު ސަމާލު ވެސް ނެރެފައެވެ.

comment ކޮމެންޓް