މާލެ ސަރަހައްދުގައި ޓެކްސީ ކުރާ އަގުތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ބަދަލުތަކެއް ގެނެސް، ގަވާއިދު އިއުލާންކޮށްފިއެވެ.
މިއަދު އާންމުކުރި އާ ގަވާއިދުގައި ހަތް ސީޓާއި 10 ސީޓާ ދެމެދުގެ ވެހިކަލްތަކަށް ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅައި، ޑޮމެސްޓިކް ޓާމިނަލްއަށް ކުރާ ދަތުރުތަކުން އެއާޕޯޓަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް ޗާޖު ކުރެވޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި ޓެކްސީއަށް އަރުވާ ލަގެޖްގެ ތެރެއިން ތިން ލަގެޖަށްވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް ފަސް ރުފިޔާ ނެގޭނެ ކަމަށް އެ ގަވާއިދުގައިވެއެވެ.
ޓެކްސީކުރުމުގެ އަގުތަކަށް ގެނައި ބަދަލާއެކު ކަނޑައަޅާފައިވާ އައު އަގުތަކަށް އަމަލުކުރަން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ގެނައި ބަދަލާއެކު ޓެކްސީކުރުމުގެ އަގުތައް


ޓްރާންސްޕޯޓް މިނިސްޓްރީން ޓެެކްސީ ކުރުމުގެ އަގުތަކަށް ގެނައި ބަދަލުތައް --
މި ކަމާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ޓެކްސީގެ އަގުތަކާ ގުޅިގެން އެންމެ ބޮޑަށް މައްސަލަ ދިމާވީ ހަތް ސީޓާއި 10 ސީޓާ ދެމެދުގެ އުޅަނދުތަކަށް ޓެކްސީ ކުރުމުގެ އަގުތަކެއް މީގެ ކުރީން ކަނޑައަޅާފައި ނެތުމުން ކަމަށެވެ.
މިހާރު ކަނޑައަޅާފައިވާ އަގުތައް ނިންމުމުގައި ޓެކްސީ ކުރާ ފަރާތްތަކާއި މިނިސްޓްރީގެ ބޭފުޅުންނާއި އަދި ވެސް ކަމާގުޅުންހުރި އިތުރު ފަރާތްތަކާ އެކު މަޝްވަރާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅާފައިވަނީ ދަތުރުކުރެވޭ ސަރަހައްދާއި ޕެޓްރޯލް ޚަރަދާއި އެފަދަ ކަންކަމަށް ރިޢާޔަތްކޮށް ޓެކްސީ ޑްރައިވަރުންނާއި ޚިދުމަތް ލިބިގަންނަ އާންމު ފަރުދުންގެ މަސްލަހަތަށް ބުރޫނާރާނެ ފަދަ ވިސްނުމެއްގައި ކަމަށެވެ.
ކަނޑައަޅާފައިވާ އައު އަގުތަކަށް ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން އަމަލު ކުރޭތޯ، ދިވެހި ފުލުހުންގެ ޚިދުމަތާއި އެ މިނިސްޓްރީ ގުޅިގެން ވަރަށް ގާތުން ބަލަމުން ދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ގުޅިގެން މަސައްކަތްކޮށް، ޓެކްސީތަކުގެ އަގުތައް ފަސޭހައިން ފެންނާނޭފަދައިން އެއާޕޯޓުގައި ބޯޑު ހަރުކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ގަވާއިދާ ޚިލާފަށް ޓެކްސީ ދަތުރުތަކަށް ފައިސާ ނަގަމުންދާތީ، އާންމުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިގޮތުން، މި މައްސަލަ ބޮޑުވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ ޓެކްސީތަކާމެދު ފިޔަވަޅު އަޅަން ފަށާފައިވާކަން މިނިސްޓްރީން އިއުލާނުކުރީ މިދިޔަ ބުދަ ދުވަހުއެވެ.
ގަވާއިދާ ޚިލާފަށް ޓެކްސީ ކުރުމުގައި ބައިވެރިވާ ބިދޭސީންނާ މެދު ވެސް ހަރުކަށި ފިޔަވަޅުތައް މިނިސްޓްރީން ވަނީ އަޅަން ފަށާފައެވެ.