ފޮރިން މިނިސްޓަރު ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައިފި

މިނިސްޓަރު ގަތަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން-- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅަކީ ގަތަރާއި ރާއްޖެއާއި ދެމެދު އުފެދިފައި އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.

އަދި މި ދަތުރުފުޅުގައި މިނިސްޓަރު އެ ޤައުމުގެ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަޙްމާން އަލް ތާނީ އާ ބައްދަލު ކުރައްވައިފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި ބައްދަލު ކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން މުރާޖައާ ކުރުމަށް ދެ ބޭފުޅުންގެ ދެމެދުގައި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޑިޕްލޮމެޓިކް ގުޅުންތައް ގާއިމު ކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ޒަމީރު ވަނީ ވިދާޅުވެފައެވެ.

އަދި ރާއްޖެއަށް ގަތަރުން ފޯރުކޮށްދޭ އިޤްތިސާދީ އެހީތެރިކަމަށް ވެސް މިނިސްޓަރު ވަނީ އެ ޤައުމަށް ޝުކުރު އަދާ ކުރައްވައިފައެވެ.

މިނިސްޓަރު ޒަމީރާއެކު މި ދަތުރުފުޅުގައި ބައިލެޓަރަލްގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި، އެމްބެސެޑަރު އެޓް ލާޖް ޑރ. ފަޒީލް ނަޖީބާއި އެސިސްޓެންޓް ޑިރެކްޓަރު ލަމްހާ ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ގަތަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގުޅުން ކަނޑާލި ގައުމެކެވެ. ނަމަވެސް މިދިޔަ ވެރިކަމުގައި އަލުން ވަނީ ގުޅުން ގާއިމްކޮށްފައެވެ.

comment ކޮމެންޓް