ފަތުރުވެރިން ރާއްޖެ އަންނަ އަދަދު އިތުރުވެ، ރާއްޖޭގެ އިގުތިޞާދީ ދުވެލި 5.2 ޕަސަންޓަށް ކުރި އަރާނެކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ލަފާކޮށްފިއެވެ.
އައިއެމްއެފްއިން ރާއްޖޭގައި ހެދި ދިރާސާއާ ގުޅޭގޮތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމުމުން ފަތުރުވެރިން އަންނަ އަދަދު ގިނަވާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން މިއަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެ އައިސް ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރާނެ ކަމަށް އައިއެމްއެފްއިން ވަނީ ލަފާ ކޮށްފައެވެ.
މީގެ އިތުރުން ކާއެއްޗެހީގެ އަގުތައް ދަށް ވުމުން ވޭތުވެ ދިޔަ މަސްތަކުގައި އިންފްލޭޝަން ދަށްވެފައި ވާކަން އައިއެމްއެފްއިން ފާހަގަ ކުރިއެވެ. އެގޮތުން ޖަނަވަރީ މަހުގެ އަދަދުތައް ދައްކާގޮތުން އިންފްލޭޝަން ހުރީ 0.9 ޕަސަންޓުގައި ކަމަށާއި ނަމަވެސް ސަބްސިޑީއަށް ގެނައި އިސްލާހުތަކާއެކު އިންފްލޭޝަން 3.8 ޕަސަންޓަށް އަރާނެކަމަށް ލަފާކޮށްފައި ވެއެވެ.
އެއަށްފަހު އިންފްލޭޝަން ދަށްވަމުން ގޮސް 2025ގައި 3އަށް ވެއްޓޭނެ ކަމަށް އައިއެމްއެފްގެ ރިޕޯޓުގައިވެއެވެ.
އެ ރިޕޯޓުގައި ވަނީ، ރާއްޖޭގެ އިގްތިޞާދު ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވާފައިވާ މާލީ އިސްލާހީ ފިޔަވަޅުތަކަށް ތައުރީފު ކޮށްފައެވެ. އަދި ސަބްސިޑީ ރިފޯމުކުރުން އަންނަ ޖުލައި މަހުން ފެށިގެން ތަންފީޒު ކުރަން މި ސަރުކާރުން ނިންމާފައި ވުމާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޑޮލަރު ޖަމާކުރަން ފެށުން އައިއެމްއެފްއިން ވަނީ ފާހަގަކޮށްފައެވެ.
މި ފިޔަވަޅުތަކާއެކު، ރާއްޖޭގެ އިގުތިޞާދު ހަމަމަގަށް އެޅުމުގެ އުންމީދު ބޮޑުކަމަށް އެ ރިޕޯޓުގައި ވެއެވެ.
ނަމަވެސް ދަރަނި މެނޭޖް ކުރުމަށް އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކޮށް އައިއެމްއެފްގެ ރިޕޯޓުގައި ވަނީ، ދަރަނި މެނޭޖްކުރުމުގެ ގާނޫނު ފާސް ކުރުމަށް ގޮވާލާފައެވެ. ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގާނޫނެއް އެކުލަވާލަން އިދާރާތަކުން މަސައްކަތް ކުރާކަން ފާހަގަކޮށް އައިއެމްއެފްގެ ރިޕޯޓުގައި ވަނީ އެކަމުގެ ސަބަބުން، އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ފަދަ ފީތައް ޖަމާކޮށް އިންވެސްޓު ކުރެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ދަރަނި އަދާކުރުމަށް އިތުރު ފަސޭހަތަކެއް ވާނެކަމަށް އައިއެމްއެފްއިން ފާހަގަ ކޮށްފައި ވެއެވެ.
މި ސަރުކާރުން ދަނީ، އިގުތިޞާދީ ދުވެލި ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރައީސްގެ އަމާޒަކީ ރާއްޖޭގެ ޖީޑީޕީ 12 ބިލިއަން ޑޮލަރަށް ހެދުން ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެފައިވެއެވެ.