ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގައި ހުރިހާ ހަރަދެއް ކުރާނީ ސަރުކާރުން: ނަރީޝް

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް -- ފޮޓޯ/ ސިޓީ ކައުންސިލް

މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މަސައްކަތަށް ހުރިހާ ހަރަދެއް ކުރާނީ ސަރުކާރުން ކަމަށް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މޭޔަރުކަމުގައި މަސައްކަތް ކުރެއްވި ނަމަވެސް ކުރީގެ ސަރުކާރުން އެއްވެސް އެއްބާރުލުމެއް ސިޓީ ކައުންސިލަށް ނުދޭ ކަމަށެވެ. އޭގެ ސަބަބުން އޭރު އެ މަސައްކަތް ނުފެށުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިސް، ރައީސްގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ސަރުކާރުގެ ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކުން ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް އަމަލީ މަސައްކަތް ފެށުމަކީ މާލޭގެ ރައްޔިތުންނަށް ލިބޭނެ ހިތްހަމަޖެހުމަކާއި އުފަލެއް ކަމަށެެވެ.

ނަރީޝް ވިދާޅުވީ މިއީ ސީދާ ރައީސްގެ އިސްނެގުމަށް ސަރުކާރުން ހުރިހާ ހަރަދެއްކުރާގޮތަށް ކުރިޔަށްދާ މަޝްރޫއެއް ކަމަށެވެ. އެކަމަށްޓަކައި އޭނާ ވަނީ މާލޭގެ ރައްޔިތުންގެ ނަމުގައި އާއި މާލޭސިޓީ ކައުންސިލަރުންގެ ނަމުގައި ރައީސަށް ޝުކުރު ދަންނަވާފައެވެ.

މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ވަގުތީ ގޮތުން ހައްލު ކުރުމަށް ބޮޑު މަޝްރޫއެއް އިއްޔެ ވަނީ ފަށައިފައެވެ.

އެ ހަފުލާގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް މަގުތައް ދާއިމީ ގޮތެއްގައި ހެދުމުގެ ކުރިން ވެސް އެ މައްސަލައަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ގެނައުމީ ސަރުކާރުގެ މައްޗަށް ވާޖިބު ކަމެއް ކަމަށެވެ.

އެ ގޮތުން މި މަޝްރޫއު ފެށީ ޖޫން ޖުލައިގެ ވިއްސާރަ އައުމުގެ ކުރިން މި މައްސަލައަށް ހައްލެއް ގެނައުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ގޮތުން މާލޭގެ އަމީނީ މަގުގައި ބަހައްޓާފައިވާ ޕަމްޕުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ކުރިޔަށްދާނެ ކަމަށް ވިދާޅުވިއެވެ.

ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ މައްސަލަ ދިމާވެފައިވެއެވެ.

މެޓް އޮފީހުން ވަނީ މި ދުވަސްވަރު ރާއްޖެއަށް ކުރަނީ ދެ މޫސުން ބެދޭތީ ކުރާ ވިއްސާރަ ކަމަށް ބުނެފައެވެ.

comment ކޮމެންޓް