މަދިރީގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާ ޑެންގީހުން އައްޑޫސިޓީގައި ވެސް ފެތުރޭތީ ސަމާލު ވުމަށް, އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން އިލްތިމާސްކޮށްފިއެވެ.
އޭއީއެޗްއިން ނެރުނު ބަޔާނެއްގައި ވަނީ، އައްޑޫގައި ޑެންގީ ހުން އިތުރުވާތީ މަދިރި ނައްތާލާ މަދިރިން ސަލާމަތް ވުމަށް ފަރުދީ ގޮތުން ކުރެވިދާނެ ކަންކަން ކުރުމަށް އިލްތިމާސް ކޮށްފައެވެ.
އެގޮތުން، ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކައިނުލުމާއި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރަން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ހެނދުނު އިރުއަރާ ގަޑީގައާއި ހަވީރު އިރުއޮއްސޭ ވަގުތު މަދިރި ގިނަވާތީ، ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށް ވެސް އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފައެވެ.
ޑެންގީ ބަލީގެ އަލާމާތްތައް ފެންނާނީ މަދިރި ހަފާތާ ހަތަރު ދުވަހާއި 10ދުވަހާ ދޭތެރޭގެ މުއްދަތެއްގައެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި:
- ގައިގައި ރިއްސުން
- ހުން އައުން
- ބޮލުގައި ރިއްސުން
- ލޮލުގައި ރިއްސުން
- ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން
ތިން ދުވަހަށް ވުރެ ގިނަ ދުވަހު ހުން އަންނަ ނަމަ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އޭއީއެޗްއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ގިނަގިނައިން ދިޔާ ތަކެތި ބޭނުން ކުރުމަށާއި އަރާމު ކުރުމަށް ވެސް ވަނީ ލަފާ ދީފައެވެ.
މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމުން، މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ވަނީ އިތުރުވެފައެވެ. އެގޮތުން މާލޭ ސަރަހައްދުގައި ވެސް ޑެންގީ އަދި ޗިކުންގުންޔާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.