ކުނިބުނިން ފުރައި، ގޮންޑުކޮށްފައި އޮތް މާލޭ އިންޑަސްޓްރިއަލް ވިލެޖު މުޅިން ސާފުކުރުމަށް ފަހު ދެން ބޭނުންކުރާނީ، މާލޭގެ ޕާކިން މައްސަލައާއި ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް އިންޑަސްޓްރިއަލް ވިލެޖުގެ ބޭނުން މިއަދާ ހަމައަށްއައިރު ވެސް އެންމެ އެކަށީގެންވާ ގޮތަކަށް ހިފިފައެއް ނުވެއެވެ.
އެސްއެސްޓީވީގެ 'އަދުގެ ސަފުޙާ' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، މާލޭ އިންޑަސްޓްރިއަލް ޒޯން ހަޑިވެފައި އޮންނަތާ ވަރަށް ގިނަ ޒަމާންތަކެއްވެއްޖެ ކަމަށާއި އެކަމާ ގުޅިގެން ރައްޔިތުންގެ ޝަކުވާ ތަކުރާރުކޮށް ލިބޭ ކަމަށެވެ.
ހައުސިން މިނިސްޓްރީއާ އެކަން ހިއްސާ ކުރުމުން ސިޓީ ކައުންސިލަށް އެ ސަރަޙައްދު ސާފުކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ދިން ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން، މިދިޔަ ހަފުތާ ތެރޭ މުޅި އެ ސަރަޙައްދު ސާފުކުރަން ފަށާފައިވަނީ ފުލުހުންނާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާއި ސިޓީ ކައުންސިލާ ގުޅިގެންނެވެ.
އެހެންނަމަވެސް އެ ސަރަޙައްދު އެއްކޮށް ސާފުކުރުމަށް ފަހު، އާޒިމްގެ ވިސްނުން ހުރީ ތޮއްޖެހިފައިވާ މާލޭގެ ތޮއްޖެހުން ކުޑަކުރަން އެ ސަރަހައްދު ބޭނުން ކުރާށެވެ. އެގޮތުން، އެ ސަރަޙައްދުގައި ގާއިމުކުރާ ބައެއް ތަންތަނުގެ ތެރޭގައި މާލެއަށް ދިމާވެފައި އޮތް ޕާކިންގެ މައްސަލަ ހައްލުކުރުމަށްޓަކައި ޕާކިން ފެސިލިޓީއެއް ހިމެނެއެވެ.
"އެމްޕީއެލްއާ ހަވާލުކުރެވިފައި އޮތް ކޮންޓްރެކްޓުގެ ދަށުން އެ ތަނުގައި ޖެހޭނީ ވޯކްޝޮޕްތަކަށް ބޭނުންވާ ފެސިލިޓީއެއް ހަދައިދޭން. ހަދާފައި ސިޓީ ކައުންސިލާ ހަވާލުކުރާ ގޮތަށް. މި ވޯކްޝޮޕްތަކަކީ މާލޭގައި ޓްރެފިކްގައި ޖެހުމާއި މާލޭގެ ރައްޔިތުންނަށް ވަރަށް މުހިއްމު ތަންތަން،"
"އުންމީދުކުރަނީ އެމްޕީއެލުން އެ މަސައްކަތް ވީހާ ވެސް އަވަހަށް ނިންމާ ހަވާލުކުރާނެ ކަމަށް،" އާޒިމް ވިދާޅުވިއެވެ.
ހަމައެއާއެކު އެ ސަރަޙައްދަށް މަޑުކުރާ ކަނޑުގައި ދުއްވާ އުޅަނދުތަކަށް ބޭނުންކުރެވޭނެ ޓާމިނަލްތައް ގާއިމުކުރަން ވެސް ވަނީ ނިންމާފައެވެ.
"އެ ތަނަށް ވެސް ރީ ޑިވެލޮޕްމެންޓެއް ގެންނަން ޖެހޭނީ. އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން ފޭބުމުގެ ބަދަލުގައި އެއަށް ވުރެ އެކަން ފަސޭހައިން ކުރެވޭނެ ގޮތަކަށް،" އާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަނީ މާލޭގެ ބަނދަރުތަކަކީ ހިތްފަސޭހަކަމާ އެކު އުޅަނދުތައް ކައިރިކޮށްލައި އަރައި ފައިބާ ހެދޭ ތަންތަނުގެ ގޮތުގައި ތަރައްގީކުރަން. ދިއްލާ އަތްވާ، ވެހޭ ވާރޭގައި ތިބުމުގެ ބަދަލުގައި،"
ޓާމިނަލްތަކާ އެކު އެ ސަރަޙައްދުގައި ޕަބްލިކް ޓޮއިލެޓްތައް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ.
"މިއީ ވަރަށް ބޮޑެތި މަސައްކަތްތަކެއްގެ ވާހަކަ މި ކިޔަނީ. އެތައް ޒަމާނެއްވީއިރު ވެސް ނުކޮށް އޮތް މަސައްކަތެއް. މި ބަދަލުތައް ގެނައުމަކީ އެއް ދުވަސް ނުވަތަ ދެ ދުވަހުން ކުރެވޭނެ ކަމެއް ނޫން. އެހެންނަމަވެސް އަޅުގަނޑަށް ކުރިއަށް އޮތް ދެ އަހަރު ތެރޭ ކުރެވޭނެ ކަމެއް މިއީ، އިނަފް ޓައިމް އެބައޮތް،" އިންޑަސްޓްރިއަލް ޒޯން ތަރައްގީކުރަން ނިންމާފައިވާ ގޮތް ކިޔައިދެއްވަމުން އާޒިމް ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ މި ވަގުތު އިންޑަސްޓްރިއަލް ޒޯންގައި ބޭނުންކުރެވޭ ތަންތަން ވަރަށް މަދު ކަމަށެވެ. އެއީ، އެސްޓީއޯގެ ފެސިލިޓީއަކާއި، އެމްޓީސީސީގެ ފެސިލިޓީއަކާއި، ވެމްކޯގެ ފެސިލިޓީއެއްގެ އިތުރުން ފިއުލް ޝެޑެކެވެ.
އެ މައްސަލަ ދިމާވަނީ އެ ސަރަޙައްދުގައި އަޅާ ތިލަމާލެ ބުރިޖުގެ މަސައްކަތްކުރާ ފަރާތްތަކަށް އެ ތަނުން ޖާގަދޭންޖެހޭތީކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެހާ ބޮޑު މަސައްކަތެއް ކުރާނަމަ ވޯކްސައިޓް ބޮޑުވާން ވެސް ޖެހޭނެ. އެހެންވީމާ ބުރިޖުގެ މަސައްކަތްކުރާ ފަރާތްތަކަށް އެ ތަނުން ޖާގަދޭންޖެހޭ. އެއީ، މި ވަގުތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން،" އާޒިމް ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ، އެމްޕީއެލްގެ ބައިވަރު ޚިދުމަތްތަކެއް ހޯދާ ވެހިކަލްތައް އިންޑަސްޓްރިއަލް ޒޯންގައި ގިނަ އަދަދަކަށް ޕާކުކޮށްފައި އެބަހުރި ކަމަށެވެ. އެ ސަރަޙައްދު ސާފުކޮށް ތަރައްގީކުރެވެން އޮތީ އެ ވެހިކަލްތައް ނަގައިގެންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ކަމަށް ކުންފުނީގެ އެއްބާރުލުން ލިބޭ ކަމަށެވެ.
"މިހާރު ވެސް އެ ސަރަހައްދު ސާފުކުރަމުން އެބަދޭ. އެ ކަމަށް ސިޓީ ކައުންސިލްގެ ވެހިކަލްތަކުގެ އިތުރުން ވެމްކޯ އަދި އެމްޕީއެލްގެ ވެހިކަލްތައް ވެސް އަންނަނީ ބޭނުންކުރަމުން. އެ ތަން ސާފުކުރަން ހުރިހާ މުއައްސަސާއަކުން ވެސް ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން އިންޑަސްޓްރިއަލް ޒޯން އަނދިރިކޮށް އޮތުމާއި އާންމުންނަށް ވަދެވެހޭން ހުޅުވާލައިފައި އޮތުމުގެ ސަބަބުން، ގިނަ ބަޔަކު އެ ތަނަށް ވަދެ، ކުނި އަޅައި، ބާ ވެހިކަލް ޕާކުކޮށް ގޮނޑުކުރާ ތަނެއްގެ ގޮތުގައި އެ ތަން އޮތީ ވެފައެވެ. މީގެ އިތުރުން ކުށްކުށަށް އަރައިގަންނަ މީހުން ވެސް އެއްވެ އުޅޭ ތަނަކަށް އެ ތަން އޮތީ ވެފައެވެ.