މިއަދު ބޯކޮށް ވެހުނު ވާރޭގައި މުޅި ށ. ފޯކައިދޫގައި ފެން ބޮޑު ވެއްޖެއެވެ.
މިކަމާ ގުޅިގެން 'ސަން' އަށް މައުލޫމާތު ދެއްވަމުން ފޯކައިދޫ ކައުންސިލުގެ ރައީސް އަހުމަދު އާސިފް ވިދާޅުވީ ރަށުގައި ފެން ބޮޑުވީ މީގެ ދޮޅުގަޑިއިރެއްހާއިރު ކުރިން ބޯކޮށް ވެހެން ފެށި ވާރެއާ އެކު ކަމަށެވެ.
އޭނާ ވިދާޅުވީ އާންމުކޮށް ރަަށުގެ އަޑި ހިސާބުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާ ކަމަށެވެ.
އެގޮތުން އެ ހިސާބުތަކުގައި ގެތަކަށް ވެސް ފެން ވަދެފައިވާ ކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

މިއަދު ބޯކޮށް ވެހުނު ވާރޭގައި ފޯކައިދޫގެ ބައެއް ގޭތަކުގައި ފެން ބޮޑުވެފައި-- ފޮޓޯ: ފޯކައިދޫ ކައުންސިލު
"ދެން ހަމަ ރަށުގެ އެކި ހިސާބުތަކުން ވަރަށް ގިނަ ގޭގެއަށް ފެން ވަދެގެން އަޅުގަނޑުމެންނަށް ރިޕޯޓުކޮށްފައި އެބަވޭ. ސީދާ އަދަދު އަދި އަޅުގަނޑުމެންނަށް ޔަގީންކޮށް ނުލެވިގެން މިއުޅެނީ," އޭނާ ވިދާޅުވިއެވެ
އިތުރަށް އޭނާ ވަނީ، ރަށު ކައުންސިލާއި ފުލުހުންނާއި އާންމު ރައްޔިތުން ފެން ހިއްކުމުގައި މިހާރު ވެސް އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާކަން ފާހަގަކުރައްވައިފައެވެ.
އިތުރަށް އޭނާ ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން އަދި ވަގުތީ ހިޔަލަށް މީހުން ބަދަލު ކުރަން ޖެހޭ ހާލަތަށް ނާންނަ ކަމަށެވެ. އެހެން ނަމަވެސް ބައެއް ގޭ ތަކުގައި ދޮޅު ފޫޓާއި ދެ ފޫޓަށް ފެން ބޮޑުވެފައިވާ ކަމަށް އޭނާ މައުލޫމާތު ދެއްވައެެވެ.

ފޯކައިދޫގައި ފެން ބޮޑުވެފައިވާ ތަންތަނުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: ފޯކައިދޫ ކައުންސިލު
އާސިފް ވިދާޅުވީ މި ވަގުތު ވެސް ކޮންމެ ވެސް ވަރަކަށް ވާރޭ އެ ރަށަށް ވެހެމުންދާކަމަށެވެ.
އެ ރަށު ކައުންސިލުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ރަށުގެ ބައެއް ގެތަކަށް ފެންވަދެ، މުޅި މަގުމަތީގައި ވެސް އޮތީ ފެން ބޮޑުވެފައެވެ.
މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުން އަންނަ ވިއްސާރައިގައި މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށް ރަށުގައި ވެސް ފެންބޮޑުވެއެވެ.
އެގޮތުން ދާދިފަހުން އައްޑޫ އަތޮޅު ފޭދޫގައި ވެސް ވަނީ ފެންބޮޑުވެ 40 އަށްވުރެ ގިނަ ގެޔަށް ގެއްލުން ވެފައެވެ.