އިންޑިއާގެ އެވަރެސްޓް އަދި އެމްޑީއެޗް ބްރޭންޑު ހަވާދު ބޭނުން ނުކުރުމަށް އަންގައިފި

އިންޑިއާގެ "އެވަރެސްޓް" އަދި "އެމްޑީއެޗް" ބްރޭންޑު ހަވާދުގެ ބާވަތްތައް ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައި --

އިންޑިއާގެ އުފެއްދުމަށް ކަމަށްވާ "އެވަރެސްޓް" އާއި "އެމްޑީއެޗް" ބްރޭންޑު ހަވާދުގެ ބާވަތްތައް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ އިންޑިއާގެ "އެވަރެސްޓް" އާއި "އެމްޑީއެޗް" ބްރޭންޑުގެ ބައެއް ބާވަތްތަކުގެ ހަވާދުގައި "އެތަލިން އޮކްސައިޑް" ހުރި ކަމަށް ބުނެ ސިންގަޕޫރުގެ ފުޑް އޭޖެންސީ އާއި ހޮންގްކޮންގްގެ ސެންޓަ ފޯ ފުޑް ސޭފްޓީން އެ އުފެއްދުންތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައިވާ ކަމަށް ބުނެފައެވެ.

އަދި އެ އުފެއްދުންތައް ބާޒާރުން ނެގުމަށް އިލްތިމާސްކޮށްފައިވާ ކަމަށް ވެސް އެމްއެފްޑީއޭއިން ބުނެއެވެ. އެތަލިން އޮކްސައިޑަކީ އޭގައި ފޮނި ވަހެއް ހުންނަ، އަލިފާން ހިފާ ޒާތުގެ ގޭހެކެވެ.

ބޭނުން ނުކުރުމަށް އަންގާފައިވާ ހަވާދުގެ ބްރޭންޑްތަކަކީ:

  • އެމްޑީއެޗްގެ މެޑްރާސް ކަރީ ޕައުޑާ (ސްޕައިސް ބްލެންޑް ފޯ މެޑްރާސް) - މުއްދަތު ހަމަވަނީ އޮގަސްޓް 2024 އަށް
  • އެވަރެސްޓްގެ ފިޝް ކަރީ މަސާލާ - މުއްދަތު ހަމަވަނީ ސެޕްޓެންބަރު 2025 އަށް
  • އެމްޑީއެޗްގެ ސާމްބާ މަސާލާ މިކްސްޑް މަސާލާ ޕައުޑާ - މުއްދަތު ހަމަވަނީ ސެޕްޓެންބަރު 2024 އަށް
  • އެމްޑީއެޗްގެ ކަރީ ޕައުޑާ މިކްސް މަސާލާ ޕައުޑާ - މުއްދަތު ހަމަވަނީ ސެޕްޓެންބަރު 2024 އަށް

އެ އޮތޯރިޓީން ބުނެފައިވަނީ މި ބްރޭންޑްތަކުގެ ހަވާދަކީ ރާއްޖެއަށް ގިނައިން އެތެރެ ކުރެވޭ ބާވަތްތަކެއް ކަމުގައިވީ ނަމަވެސް، އެ ބްރޭންޑްތަކުގެ ހަވާދު ބޭނުން ކުރުމަކީ އެދިވިގެންވާ ކަމެއް ނޫން ކަމަށެވެ.

އެ ގޮތުން ރާއްޖެއަށް އެތެރެކުރާ މި ބާވްތަތަކުގެ ހަވާދުގެ ހިރާސްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.

އެހެންވެ އެމްއެފްޑީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ބްރޭންޑްތަކުގެ ހަވާދު ރާއްޖެއަށް އެތެރެ ނުކުރުމަށާއި، ނުވިއްކުމަށް އަދި ބޭނުން ވެސް ނުކުރުމަށް އަންގާފައެވެ.

comment ކޮމެންޓް