ތައިލެންޑުން ވިއެޓްނާމަށް 1.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށްލުމަށް ވިއެޓްނާމްގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ވިއެޓްނާމްގެ ހާން ހޯއާ ޕްރޮވިންސްގެ ޕީޕަލްސް މިދިޔަ މަހުގެ ފަހުކޮޅު މި ހުކުމް އިއްވާފައިވަނީ އުމުރުން 39 އަހަރުގެ މުހައްމަދު އަނިލްގެ މައްޗަށެވެ. އަދި އޭނާގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން ވިއެޓްނާމުން ޑީޕޯޓްކުރުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ދައުވާގައި ބަޔާންކޮށްފައިވާ ގޮތުން، އަނިލް ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ އަށް ވަނަ ދުވަހު ތައިލެންޑްގެ ބެންކޮކުން ފުރައިގެން ވިއެޓްނާމްގެ ކޭމް ރަން އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔުމުންނެވެ. ކަސްޓަމްސް އޮފިސަރުން އޭނާގެ ލަގެޖާއި އަތްދަބަސް ސްކްރީންކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ ޕެކެޓުތަކެއް ވަނީ ފެނިފައެވެ. އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1،545.6893 ގްރާމް ހުރިކަން ވަނީ ކަށަވަރުވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 1،067.2293 ގްރާމްގެ މެފެޑްރޯން އާއި 478.46 ގްރާމްގެ އަލްފާ-ޕައިރޯލިޑިނޯޕެންޓިއޯފެނޯން (އަލްފާ-ޕީއައިއެޗްޕީ) އެވެ.
ތަހުގީގު މަރުހަލާގައި އަނިލްއާ ސުވާލު ކުރަނީ---ނަމަވެސް، އަނިލްގެ ހަށިގަނޑު ތަހުލީލުކުރިއިރު އޭނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.
ތަހުގީގަށް ހޯދިފައިވާ ގޮތުގައި، މި ތަކެތި ވިއެޓްނާމަށް އެތެރެކުރުމަށް އަނިލްއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު ހަތް ވަނަ ދުވަހު ބެންކޮކްގެ ހޮޓަލެއްގައި ހުއްޓައެވެ. މި މަސައްކަތް އޭނާއާ ހަވާލުކުރީ ތައިލެންޑްގެ ޕަޓާޔާގައި ދިރިއުޅޭ "އަފޫ" ނަމަކަށް ކިޔާ ދަންނަ މީހެކެވެ. އަފޫގެ ވަނަވަރާއި އޭނާ މިހާރު އުޅޭ ތަނެއް އަދި ހޯދިފައެއް ނުވެއެވެ. އަފޫ ވަނީ އަނިލް ވިއެޓްނާމަށް ދިޔުމުން އެހެން މީހަކު ގުޅައި އެ ތަކެއްޗާ ހަވާލުވާނެ ކަމަށް ބުނެފައެވެ.
މަސްތުވާތަކެތީގެ ހަ ޕެކެޓު ވިއެޓްނާމަށް ގެންގޮސްދިނުމުން އުޖޫރައެއްގެ ގޮތުގައި 1،000 ޑޮލަރު ދޭނެ ކަމަށް އަފޫ ވަނީ އަނިލް ގާތު ބުނެފައެވެ. އަދި ކެއުމާއި ދަތުރުފަތުރުގެ ހަރަދަށް އެޑްވާންސްކޮށް 500 ޑޮލަރު ދިނުމަށްފަހު، އަނިލްގެ ފޮއްޓަށް މަސްތުވާތަކެތި ލީ އަފޫ ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. އަނިލް ހައްޔަރުކޮށްފައިވަނީ މި ތަކެތި ހިފައިގެން ވިއެޓްނާމަށް ގޮސް އިމިގްރޭޝަން މަރުހަލާ ފުރިހަމަކުރަނިކޮށެވެ.