ހދ. ވައިކަރަދޫ ބަނދަރަށް ވަތް ގިނަ އަދަދެއްގެ މުށިމަސް މަރުވެ ކުނިވެއްޖެއެވެ.
މަސްތައް މަރުވެ، ކުނިވެގެން ފެނުން މައްޗަށް އަރާފައިވާ ފޮޓޯތައް ސޯޝަލް މީޑިއަގައި ވެސް ވަނީ ދައުރުވެފައެވެ.
މިކަމާ ގުޅިގެން "ސަން"އާ ވަހަކަ ދައްކަވަމުން އެރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނުހާމް ވިދާޅުވީ، އެރަށު ބަނދަރުތެރެއަށް ދޭތެރެއަކުން މުށިމަސް އައިން ވަންނަ ކަމަށެވެ. އެގޮތުން އިއްޔެ ވެސް އައިނެއް ވަންކަމަށް އޭނާ ވިދާޅުވިއެވެ.
އެރަށު ބަނދަރު ހެދި އިރު، ހަދާފައި ވަނީ އެއްވެސް ވަރަކަށް އޮއެ ނުދެމޭ ގޮތަށްކަން ފާހަގަކޮށް ނުހާމް ވިދާޅުވީ، މިފަދައިން ބަނދަރަށް ވަންނަ މަސްއައިންތަކަށް ބޭނުންވާ އޮކްސިޖަން ނުލިބި މަސް މަރުވާ ކަމަށެވެ.
އެގޮތުން އިއްޔެ ވަން މަސް އައިން ވެސް ބަލިވުމުން ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ، އެތައް ހާސް މަހެއް ހިފިކަމަށް ނުހާމް ވިދާޅުވިއެވެ.
"ދެން ރޭގަ ނުހިފި ދޫވި މަސްތައް މިހާރު މަރުވެގެން މައްޗަށް އަރާފަ އެވަނީ. މިއަދު ހެނދުނު ވެސް ޑަމްޕަރެއްގެ 10 ދަތްގަނޑު ފުރާ މަސްތައް އުކާލި. މިހާރު އެބަހުރި އަނެއްކާ އެއަށްވުރެ ގިނައިން އަރާފަ," ނުހާމް ވިދާޅުވިއެވެ.
މަސްތައް މަރުވުމުން ބަނދަރު ސާފުކުރަން ނުކުތީ ރަށު ރައްޔިތުންނެވެ. އެގޮތުން މެންދުރު ފަހުން މިހާރު ވެސް ބަނދަރުތެރެ ސާފު ކުރަން މީހުން އުޅޭކަމަށް ނުހާމް ވިދާޅުވިއެވެ. މަސްތައް ކުނިވުމުގެ ސަބަބުން މިހާރު އެ ސަރަހައްދުގައި ވަސް ވެސް ހުރިކަން ފާހަގަކޮށް އޭނާ ވިދާޅުވީ، މިހެން ދިމާވާ ކޮންމެ ފަހަރަކު ރަށުގައި ބޮޑު ވަޅެއް ކޮނެ، މަސްތައް ވަޅުލަނީ ކަމަށެވެ.
ވައިކަރަދޫ ބަނދަރު މަރާމާތު ކުރުމަށް މިދިޔަ ސަރުކާރަ އެކު ވެސް ވަރަށް ގިނަ މަޝްވަރާތައް ކުރިކަމަށް ނުހާމަ ވިދާޅުވިއެވެ. އަދި މިއަހަރުގެ ބަޖެޓުގައި އެކަން ހިމަނާފައި ވާކަމަށާއި ބަނދަރަށް ދިމާވާ މި މައްސަލައަށް ހައްލެއް ލިބުމަށް އުއްމީދު ކުރާކަމަށް އޭނާ ވިދާޅުވިއެވެ.