އާއިލީ ޕްރޮޑަކްޝަންއާ ވަކިވި ސަބަބު އާޔޫޝް ކިޔައިދީފީ

އެކްޓަރު ސަލްމާނު ޚާންގެ ޅިޔަނު އާޔޫޝް ޝަރުމާ ސަލްމާން ޚާންގެ ފިލްމު ކުންފުނިން ވަކވީ ބަންދު ސެޓަޕެއްގައި މަސައްކަތް ކުރުމުގެ ބަދަލުގައި ފިލްމު އިންޑަސްޓްރީގެ އެހެން ކުންފުނިތަކާ އެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން އޮތުމާއެކު ކަމަށް ޒުވާން އެކްޓަރު ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި އާޔޫޝް ބުނެފައި ވަނީ، އެއްވެސް ފިލްމީ އެކްޓަރަކީ އެއް ކުންފުންޏަކަށް ބަރޯސާވެގެން ހުންނާނެ މީހެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ސަލްމާން ޚާންގެ ފިލްމު ކުންފުނި ސަލްމާން ޚާން ފިލްމްސް (އެސްކޭ) އަކީ އަބަދުވެސް އޭނާއަށް ވަރަށް ޚާއްސަ ކުންފުންޏެއް ކަމަށާއި ފިލްމީ ދާއިރާއަށް އޭނާ ނެރެދިނީ އެ ކުންފުނިންކަން އަބަދުވެސް ހަނދާން ހުންނާނެ ކަމަށް މި އިންޓަވިއުގައި އުއްމީދީ އެކްޓަރު ވަނީ ބުނެފައެވެ.

ކޮންމެ ފިލްމީ ތަރިއަކީ ވެސް އަމިއްލަ ކުރިއެރުމަށާއި ލިބިފައި ހުރި އެކްޓިންގް ހުނަރު އަމިއްލައަށް އަންދާޒާކޮށްލަން ބޭނުންވާނެ މީހެއްކަމަށް ބުނަމުން އާޔޫޝް ބުނީ އެސްކޭ ފިލްމްސްއިން ދުރަށް ދިޔައީ މިނިވަންކަމާއެކު އެހެން ޕްރޮޑިއުސަރުންނާއެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރުމާއެކު ކަމަށެވެ.

އެސްކޭ ފިލްމްސްއިން މިވަގުތު ވަކިވި ނަމަވެސް އެއީ އޭނާގެ އާއިލާގެ އެއްބައި ކަމަށާއި ސަލްމާންގެ ކުންފުނިން ރަނގަޅު ފުރުސަތެއް ލިބިއްޖެނަމަ މަސައްކަތް ކުރާނެކަމަށް އާޔޫޝް ވަނީ ބުނެފައެވެ.

ފިލްމު "ރުސްލާން"ގެ ޕޯސްޓަރެއްގައި އާޔޫޝް--ފޮޓޯ/ބޮލީވުޑް ހަންގާމާ
ސަލްމާން ޚާންގެ ކޮއްކޮ އަރުޕިތާގެ ފިރިމީހާ އާޔޫޝް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި މަހުގެ 26ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ރުސްލާން"އިންނެވެ. މިއީ ސަލްމާން ޚާން ފިލްމްސްއިން ވަކިވުމަށް ފަހު އާޔޫޝް އެހެން ކުންފުންޏަކާ އެކު މަސައްކަތްކޮށް ރިލީޒްކުރެވޭ އޭނާގެ ފުރަތަމަ ފިލްމެވެ.

ކޭކޭ ރާދާ މޯހަން ޕްރޮޑިއުސްކޮށް ކަރަން ލަލިތު ބުޓާނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ވަރަށް ވަރުގަދަ އެކްޝަން ފިލްމެކެވެ. ފިލްމުގެ ޓްރެއިލާ ބަލާލުމަށްފަހު ސަލްމާން ޚާން ވަނީ އާޔޫޝް ފިލްމުގައި ދައްކުވައިދީފައިވާ އެކްޓިންގްއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

މި ފިލްމުގެ އިތުރުން އާޔޫޝް ވަނީ "ކްވާތާ"ގެ ނަމުގައި އުފައްދާ ފިލްމަކަށް ވެސް ސޮއިކޮށްފައެވެ. ޕޯސްޓު ޕްރޮޑަކްޝަން މަރުހަލާގައި އޮތް "ކްވާތާ" ރިލީޒް ކުރާނެ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.

comment ކޮމެންޓް