އދ. މަޖިލިސް (20 އެޕްރީލް 2024) : ފަލަސްތީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމަށް އެދި ފަލަސްތީނުގެ ވެރިކަމުގެ އިދާރާއިން ހުށަހެޅި މައްސަލައާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާ ވީޓޯ ކޮށްފިއެވެ.
އެއްވެސް ގައުމަކަށް އދ. ގެ ދާއިމީ އަދި ފުރިހަމަ މެންބަރުކަން ދެވޭނީ އދ. ގެ އެންމެ ބާރުގަދަ ގުނަވަންކަމަށްވާ ސަލާމަތީ މަޖިލީހުގެ ރުހުން ލިބިގެންނެވެ. ސަލާމަތީ މަޖިލީހަކީ ޑިމޮކްރަސީގެ އުސޫލާ ޚިލާފަށް ބާރުގަދަ ގައުމަށް ބާރު އޮންނަ ގޮތަށް މަސައްކަތްކުރާ މަޖިލީހެކެވެ. އެކަންކުރަނީ ވީޓޯގެ ބޭނުން ކޮށްގެންނެވެ.
ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު އޮންނަނީ އެމެރިކާ، ރަޝިއާ، ޗައިނާ، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތް މިފަސް ގައުމަށެވެ. މިއިން އެއްވެސް ގައުމަކުން ކަމަކާދެކޮޅަށް އެމަޖިލީހުގައި ވީޓޯކޮށްފިނަމަ (ކަމަކާ ދެކޮޅު ހަދައިފިނަމަ) އެކަމެއް އެހިސާބުން ބާތިލް ވީއެވެ.
ފަލަސްތީނު އދ. ގައި މިހާތަނަށް އޮތީ ފުރިހަމަ މެންބަރުކަން ނުލިބޭ ދައުލަތެއްގެ ދަރަޖައިގައެވެ. އދ. ގެ ފުރިހަމަ ނޫން މެންބަރެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތީވެސް އެމެރިކާގެ ދެކޮޅު ހެދުން ތަކުގެ ސަބަބުން ސަލާމަތީ މަޖިލީހުގައި އެކަން ނުކުރެވިގެން އދ. ގެ ޖެނެރަލް އެސެމްބްލީ ގެ ވޯޓަކުންނެވެ.
ދެހާސް ބާރަވަނަ އަހަރު މިކަމަށްޓަކައި ޖެނެރަލް އެސެމްބަލީގައި ބޭއްވި ޖަލްސާގައިވެސް އެމެރިކާއާއި އެމެރިކާގެ ކޮންޓްރޯލް ކުރާ ޔޫރަޕްގެ ގައުމުތައް ވޯޓު ދިނީ ފަލަސްތީނަށް އދ. ގެ ވަގުތީ މެންބަރުކަން ވެސް ދިނުމާ ދެކޮޅަށެވެ. ނަމަވެސް އދ. ގެ މެންބަރު 193 ގައުމުގެ ތެރެއިން 138 ގައުމުން ފަލަސްތީނަށް ތާއީދުކޮށް ވޯޓު ދިނުމުން ފަލަސްތީނަށް ވަގުތީ މެންބަރުކަން ލިބުނީއެވެ.
ދެހާސް ބާރަވަނަ އަހަރު ގެ ކުރިން ފަލަސްތީނު އދ. ގައި އޮތީ އޮބްޒާވަރެއްގެ ހައިސިއްޔަތުގައެވެ. ފުރިހަމަ މެންބަރުކަން ނުލިބި އދ. ގެ އެއްވެސް ޖަލްސާއެއްގައި އަދި އދ. ގެ ގުނަވަންތަކުގެ ތެރެއިން އެއްވެސް ގުނަވަނެއްގެ ބައްދަލުވުމެއްގައި ވޯޓު ދިނުމުގެ ހައްގެއް ނުލިބޭނެއެވެ.
ފަލަސްތީނަކީ އދ. ގެ ފުރިހަމަ މެންބަރެއް ކަމުގައި ބަލައިގަތުމަށް އެމެރިކާ ސަލާމަތީ މަޖިލީހުގައި އެތަށް ފަހަރެއްގެ މަތިން ދެކޮޅު ހަދާފައިވާއިރު އެމެރިކާއަކީ ފަލަސްތީނަށް ދައުލަތެއް އޮންނަން ޖެހޭނެކަމަށް ބުނެ އަނގަބހުން ވާކާލާތުކުރާ ނަމަވެސް އަމަލީގޮތުން އެކަމާ ދެކޮޅު ހަދާ ގައުމެކެވެ.
ފަލަސްތީނުގެ ބިމުގައި އިސްރާއީލެކޭ އެއްގޮތަށް ފަލަސްތީނަށްވެސް ދައުލަތެއް (ދެދައުލަތުގެ ޙައްލު) އޮންނަންޖެހޭނެ ކަމަށް އެމެރިކާ ތަކުރާރުކޮށް އަނގަބަހުން ބުނަމުން ގެންދެއެވެ. ނަމަވެސް އަމަލީގޮތުން އެމެރިކާ ގެންދަނީ މިކަމަށް ފާޅުގައި ހުރަސް އަޅަމުންނެވެ.
އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބިންތަކުގައި ފަލަސްތީނުގެ ދައުލަތެއް ގާއިމް ކުރުމަށް އެމެރިކާ އަނގަބަހުން ގޮވާލާއިރު ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ގެނެސް އެތަންތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލު ކުރަމުން ގެންދާ މަސައްކަތްތަކަށް އެންމެ ބޮޑަށް އެއްބާރުލުން ދޭ ގައުމަކީ އެމެރިކާއެވެ.
ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ޣައރު ގާނޫނީ ގޮތުން ޔަހޫދީން ވަޒަންވެރިކުރުވައި ޔަހޫދީންނަށް ޚާއްސަ އަވަށްތައް ބިނާކުރަނީ އެބިންތަކުގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ފުރުސަތު އެއްކޮށް ގެއްލުވާލުމުގެ ބޭނުމުގައެވެ. މިކަން އެމެރިކާއަށްވެސް އެނގެއެވެ. ނަމަވެސް އެއީ ސުލްހައަށް އެޅޭ ހުރަހެއްކަމަށް ބުނުން ފިޔަވައި އެހެން އެއްވެސް ކަމެއް އެމެރިކާ ނުކުރެއެވެ.
ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމާ ދެކޮޅަށް އެމެރިކާ އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނަމަ އިސްރާއީލަށް އެކަން ކުރާކަށް ނުކެރޭނެއެވެ. އަދި ޔަހޫދީން ވަޒަންވެރިކުރުވުމަށް އިސްރާއީލު ހިންގާ މަޝްރޫއު އެކަމުގެ ސަބަބުން ހުއްޓޭނެއެވެ.
އެމެރިކާއަކީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ކުރާ ޖިހާދަށް ވެސް ހުރަސްއަޅައި އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް ވާގިވެރިވާ މައިގަނޑު ގައުމެވެ. ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދަކީ ޓެރަރިޒަމްގެ އަމަލެއްކަމަށް އެމެރިކާ ސިފަކުރެއެވެ.
އަދި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަކީ އަމިއްލަ ނަފްސުގެ ދިފާއުގައި އިސްރާއީލު ކުރާކަމެއްގެ ގޮތުގައިވެސް އެމެރިކާ ގެންދަނީ ސިފަކޮށް އިސްރާއީލުގެ ޓެރަރިސްޓް ހަރަކާތްތަކަށް ވާގިވެރިވަމުންނެވެ.
ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކުގައި މިހާތަނަށް އިސްރާއީލުން ފަލަސްތީނުގެ 34 ހާހަށްވުރެ ގިނަ މީހުން ޝަހީދުކޮށް ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކަށް ހަމަލާދީ އެތަންތަން ސުންނަފަތިކޮށްލުމުން ވެސް އެމެރިކާވަނީ އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް އެޅުމާ ދެކޮޅު ހަދާފައެވެ.
ނަމަވެސް އީރާނުން އަމިއްލަ ނަފްސުގެ ދިފާއުގައި އިސްރާއީލަށް ދާދިފަހުން ހަމަލާތަކެއް ދިނުމުން އެމެރިކާވަނީ އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. ފަލަސްތީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމުގެ ގަރާރު ސަލާމަތީ މަޖިލީހުގައި އިއްޔެ އެމެރިކާ ވީޓޯ ކުރުމުން ފަލަސްތީނުންވަނީ މިއީ އެމެރިކާގެ ބަހާއި އަމަލު ދިމާނުވާކަން ހާމަވާކަމެއް ކަމަށް ބުނެ އެމެރިކާއަށް ފާޑުކިޔާފައެވެ. އަރަބި ގައުމުތަކުންވަނީ ބަހާއި އަމަލު އެއްގޮތް ކުރުމަށް އެމެރިކާއަށް ގޮވާލާފައެވެ.